ދިވެހި ފިލްމް "ވިޝްކާ" ގެ ސްކްރީން ޕްލޭ އަދި ވާހަކައިގެ މިލްކުވެރިއަކީ ވެސް އެ ފިލްމުގެ ޑައިރެކްޓަރު އަދި ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒު ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވިޝްކާގެ މިލްކުވެރިކަމާ މެދު ދުވާލު އުފައްދައި ރިޝްމީ އާ ދެކޮޅަށް އެންމެ ފުރަތަމަ ދައުވާ ކުރީ މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ. ނަމަވެސް ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އަނެއްކާ ސިވިލް ކޯޓަށް އެމައްސަލަ ހުށަހެޅި ރިޝްމީގެ ފަރާތުންނެވެ.

ރިޝްމީގެ ފަރާތުން ހުށަހެޅި މައްސަލަ ނިންމައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ވިޝްކާގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމް އާއި ސްކްރީން ޕްލޭ ތައްޔާރު ކުރި މަހުދީ އަހުމަދާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން އެ ވާހަކަ ރިޝްމީ ގަނެފައިވާ ކަން އެނގޭ ކަމަށެވެ.

އެކަން އެނގެނީ އެ ދެމީހުން ކޯޓުގައި ވެފައިވާ އިއުތިރާފުން ކަމަށާއި އަދި އެއް އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާވެސް ރިޝްމީގެ ފަރާތުން އަދާކޮށްފައިވާކަން އެމީހުންގެ އިއުތިރާފުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ވިޝްކާ ވާހަކަ ރިޝްމީ ގަނެފައިވަނީ 5000 ވާހަކަ ލިޔުނު މީހާއަށް ދިނުމަށް ފަހު އެވެ. އަދި ސްކްރީން ޕްލޭ ގަނެފައިވަނީ 14،000 ރުފިޔާ ސްކްރީން ޕްލޭ ތައްޔާރު ކުރި މީހާއަށް ދިނުމަށް ފަހު އެވެ. ކޯޓުން ކުރު ހުކުމުގައި ބުނެފައިވަނީ އެ ހުރިހާ ފައިސާއެއް ރިޝްމީގެ ފަރާތުން ދައްކާފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެވާހަކައިގެ ވާހަކަ އަދި ސްކްރީން ޕްލޭ އަކީ ރިޝްމީގެ މިލްކެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.