09 Jul 2017, 14:17
ވެލި ބަރުކޮށްގެން ތ.ތިމަރަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށްގޮސްގެން އެމްއެންޑީއެފްން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 35 ފޫޓުގެ 'ދޯދި' ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:00 ޖަހާއިރު ކަމަށެވެ. އަދި ހަބަރު ލިބުމާއިއެކު ޑައިވަރުންގެ ޓީމަކާއެކު ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗެއް ލ.ކައްދޫއިން ފުރާފައެވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ދޯނި އަޑިއަށް ގޮސްފައިވަނީ ތިމަރަފުށީގައި ކުރިން ބޭނުންކުރި ބާ ނެރު ކައިރިން 33 މީޓަރު އަޑިއަށް ކަމަށާއި ހާދިސާ ހިނގި އިރު ދޯނީގައި 3 ދިވެހިން ހުރި ކަމަށެވެ. އަދި ތިން މީހުން ވެސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ.