09 Jul 2017, 14:24
ދެކުނު ކޮރެއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޕްރޮމޯޝަނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ. އެމްއެމްޕީއާރުސީއިން މިކަން ކުރަނީ ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއަލައިންސްއާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީން ބުނީ، ސިންގަޕޯ އެއާލައިންސްގެ ވެބްސައިޓު މެދުވެރިކޮށް، ރާއްޖެއަށް އައުމަށް ފްލައިޓު ޓިކެޓާޢި އެކޮމޮޑޭޝަން ބުކް ކުރުމުން ޕްރޮމޯޝަނެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނުގައި ބައިވެރިވުމުން ފަތުރުވެރިންނަށް ތަފާތު ބެނެފިޓްސް ލިބެއެވެ. އޭގެ ތެރޭގައި ރޫމް އަޕްގްރޭޑްސް، ކޮމްޕްލިމެންޓްރީ ސްޕާ ޓްރީޓްމެންޓްސް އަދި ކެއުން ފަދަ ކަންކަން ހިމެނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ބެނެފިޓްސް ލިބެނީ 16 ރިސޯޓަކުންނެވެ. އެއީ ސަން އަކުއާ ވިލުރީފް މޯލްޑިވްސް، އޮޅުވެލި ބީޗު އެންޑް ސްޕާ މޯލްޑިވްސް، އަމާޔާ ކުޑަރަށް، އަންގްސާނާ އިހުރު، ބެންޔަން ޓްރީ ވަށްބިންފަރު، އަންގްސާނާ ވެލާވަރު، ފުރާވެރި އައިލެންޑް ރިސޯޓު، ގިލިލަންކަންފުށި މޯލްޑިވްސް، ކަނޑިންމަ މޯލްޑިވްސް، މިރިހި އައިލެންޑް ރިސޯޓު، ޕެރެޑައިޒް އައިލެންޑް ރިސޯޓު، ސަން އައިލެންޑް ރިސޯޓު އަދި ޝަންގްރިލާ ވިލިނގިލި ރިސޯޓެވެ.
ދެކުނު ކޮރެއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ، ފުޅާވަމުން އަންނަ މާކެޓެކެވެ. މިދިޔަ އަހަރު ދެކުނު ކޮރެއާއިން 29،580 ފަތުރުވެރިން ރާއްޖެ އައި އިރު، މިއަހަރުގެ މެއި މަހާ ހަމައަށް 12،720 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވެއެވެ.