18 Jul 2011, 13:21
މުސްލިމުން ސިޔާސީ ކަންކަމުގައި ބައިވެރިނުވުމުގެ ވިސްނުމެއް އިސްލާމީ ބައެއް ގައުމުތަކުގެ ބޭފުޅުން ގެންގުޅުއްވާ ކަމަށާއި ނަމަވެސް ސިޔާސީ ކަންކަމުގައި މުސްލިމުން ބައިވެރިވަނީ މީސްތަކުން ރަނގަޅު ކަންތަތަކާ ގާތްކުރުމަށް ކަމަށް މެލޭޝިޔާގެ އިސްލާމީ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕާސް ޕާޓީގެ ނައިބު ރައީސް އަދި މެލޭޝިޔާ ޕާލަމެންޓްގެ މެމްބަރު ނަސޯރައްދީން މަޓް އީސާ ރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ކޮންގްރެސް ފެށުމުގެ ގޮތުން ރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަސޯރައްދީން ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ނަމަވެސް މުސްލިމުން ޑޮމޮކްރަސީ އާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދީން ހިފަހައްޓައިގެން (ވެރިކަން) ހިންގުން ކަމަށް ދުނިޔޭގެ ބައެއް މަޝްހޫރު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ސިޔާސީ ކަންތައްތައްތަކުގައި ބައިވެރި ނުވުމުގެ ވިސްނުމެއް ދުނިޔޭގެ ބައެއް މުސްލިމްތަކުގައި ދަނީ ފެތުރެމުން. އެފަދަ މީހުން ވިސްނާ ގޮތުގައި ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މުންކަރާތެއް( ނުބައި ކަމެއް). ނަމަވެސް އަހަރެމެން ދެކޭ ގޮތުގައި ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ރަނގަޅު ހެޔޮ އަމަލެއް. އެހެނީ އަހަރެމެން ސިޔާސީ ހަރަކާތުގައި ބައިވެރި ވަނީ މީސްތަކުން ނުބައި ކަންތަކާ ދުރުކޮށް، ރަނގަޅާ ކައިރިކުރުމަށް މަސައްކަތް ކުރުން،" ނަސޯރައްދީން ވިދާޅުވި އެވެ.
ނަސޯރަށްދީން ވިދާޅުވީ ނުބައިކަންތައްތަކަކީ ހަމައެކަނި ޒިނޭކުރުމާ ރާބުއިމާއި ވައްކަން ކުރުމާ އެފަދަ އެހެން ކަންތައްތައް ނޫން ކަމަށެވެ. ވެރިކަމަށް އެކަށީގެން ނުވާ ބަޔަކު ވެރިކަމަށް އައުމަށް މަގުފަހިވާ ގޮތަށް ވޯޓްގައި ބައިވެރި ނުވެ ، ސިޔާސީ ކަންތައްތަކުން އެއް ފަރާތް ވެގެން ތިބުމަކީ ވެސް ނުބައި ކަމެއް ކަމަށެވެ. އަދި ނުބައި ވެރިން ބުނާހާ ގޮތެއް ހަދައިގެން އެމީހުންނަށް ތައުރީފުކޮށްގެން ތިބުމަކީ ވެސް ނުބައި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްލިމުން ސިޔާސީ ކަންކަމުގައި ބައިވެރި ވާންވާނީ ވެރިކަމާއި މަގާމާއި ފުރުސަތުތައް ހޯދަން ނޫން ކަމަށާއި އިސްލާމްދީން ހިފައްޓައިގެން ވެރިކަން ކުރުމަށް ކަމަށެވެ. އަދި ފައިސާ އާއި މުދާ ބޭނުން ނަމަ ސިޔާސީ ކަންކަމުގައި ނޫޅެ ވިޔަފާރިއާއިގެން އުޅުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.