09 Jul 2017, 15:18
ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނެއް އަނބުރައި ނުދެއްކުމުގެ ސަބަބުން އެ ބޭންކަށް ނަގާފައިވާ، ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ ގއ. މަހައްދޫ ވިއްކާލާތީ، އެ ރަށާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތިއްޔާ އެންގުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު އަހްމަދު ތަސްމީން އަލީގެ ނަގާފައި އޮތް ގއ. މަހައްދޫ، ބޭންކް އޮފް މޯލްޑިވްސްއަށް ނަގާފައި ވަނީ 2013 ވަނަ އަހަރު އެވެ. އެއީ އެކުންފުނިން ނެގި 206 މިލިޔަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސްއަށް ނުދެއްކުމުގެ ސަބަބުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މަހައްދޫ ވިއްކާލުމަށް ސިންގަޕޫރުގެ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓެލިޓީ ގްރޫޕާ، މިއަހަރުގެ މޭ މަހުގެ ތެރޭގައި ހަވާލުކޮށްފަ އެވެ. އެ ރަށުގައި ތަރައްގީކުރަން ރާވާފައި ވަނީ 87 ވިލާގެ ރިސޯޓެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަހައްދޫ ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަންގައިދިނުމަށް އެދޭ ކަމަށެވެ.
މަހައްދޫ ވިއްކާލަން ހަވާލުކުރި ޖޭއެލްއެލް އިން ބުނީ، އެ ރަށް ވިއްކާލާނީ ތިން ލައްކަ ޑޮލަރަށް ވުރެ ބޮޑެތި ހުށަހެޅުންތަކަށް ކަމަށެވެ. އަދި ރަށް ގަންނަ ފަރާތަށް އެރަށުގެ 50 އަހަރުގެ ލީސް ލިބޭނެ ކަމަށާއި، 2056 ވަނަ އަހަރު އެ ލީސްގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ވެސް ކުރެވޭނެ ކަމަށެވެ.