09 Jul 2017, 13:28
މިއަދުގެ ސަރުކާރާއި ރައީސް ޔާމީންގެ ފަހަށްޕުޅުގައި ސާބިތުކަމާ އެކު ހުންނެވި ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހާމަކުރައްވައިފި އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ ޕީޕީއެމްގެ ތެރެއިން އަދިވެސް ބައެއް މެމްބަރުން އެ ފަރާތްތަކާ ގުޅޭނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހަށް އެ މައްސަލަ ވެއްދި ފަހުން ފުރަތަމަ ފަހަރަށް މިއަދު ރިޔާޒު ވަނީ ޓުވީޓަކުން އޭނާ ރައީސް ޔާމީންއާ އެކު ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ރިޔާޒު ވިދާޅުވީ އޭނާ އަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި 10 މެމްބަރުންގެ ތެރެއިން އެކަކު ކަމަށާއި އޭނާ އަދި ވެސް ހުންނެވީ ޕީޕީއެމްގެ މެމްބަރުންނާ އެކު ޕީޕީއެމްގައި ކަމަށެވެ.
ހަފްތާއެއްހާ ދުވަހު މީޑިއާއަށް އެއެއްވެސް އެއްޗެއް ނުބުނެ ހުންނެވީ ކީއްވެތޯ 'ސަން' އިން ދެންނެވުމުން ރިޔާޒު ވިދާޅުވީ އަލަށް ސިޔާސީ ދާއިރާއަށް ވަދެގެން އުޅޭ މީހުން އުޅޭ ގޮތަށް އޭނާ އުޅޭކަށް ނުޖެހޭ ކަމަށާއި އެންމެ އުނދަގޫ މަރުހަލާތަކުގައި ވެސް އޭނާ ވާނީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެފައި ކަމަށެވެ.
"ޕާޓީން ހަވާލުކުރާ ކަމެއް ހަވާލުކުރި ވަގުތަކު އެ ހަވާލުކުރި މިންވަރަކަށް މިހާރު ވެސް ކުރާނީ. މަތިން ބައިން ޖެހިގެން ކޮންމެހެން ކުރަން ނުޖެހޭ ކަންކަމުގެ ތެރެއަށް ހަރުބަސް ބުނެ އެހެން އުޅުމަކީ އެއިކީ ސިޔާސީ އެންމެ މޮޅު މީހާއެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
ޕީޕީއެމެގް ތެރެއިން 10 މެމްބަރުންގެ ސޮޔާއެކި މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވައްދާފައިވާ މައްސަލައަށް އިޝާރަތްކުރައްވާ ރިޔާޒު ވިދާޅުވީ އެ ކަމަކީ ކުއްލިއަކަށް ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި އެކަންތައް ފެށިގެން އައި ހިސާބުން އަންގަން ޖެހޭ ފަރާތްތަކަށް އޭނާ އަންގާފައި ވާނެ ކަމަށެވެ.
"މިއަކީ އަޅުގަނޑު އުންމީދުކޮށްގެން ހުރި ކަމެއް ނޫން. އަޅުގަނޑަށް އެނގޭ މިކަން އެބަ އަންނަކަން އެހެންވީމަ އެކަމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކޮށްފައި އެކަން އަންގަން ޖެހޭ ފަރާތްތަކަށް އޮންނާނީ އަންގާފައި. އެހެންވީމަ އަމިއްލައަށް އިހްސާސްކުރެވޭ މިއަދު އެއްޗެއް ނުބުނު ހުރި އިރުގައި ވެސް ބުންނަ ޖެހުނު ކުރަން ޖެހުނު ހުރިހާ ކަމެއް ވެސް ކޮށް ނިންމާފައި ހުންނާނީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ކުރިއަށް އޮތްތާންގައި ވެސް އޭނާ ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު ހަވާލުކުރެއްވި ކަމެއް ކުރެއްވުމުގައި އިހްލާސްތެރިކަމާ އެކު ކަމަށާއި އޭނާ އަކީ ފައިސާއަށް އަދި ބިރު ދައްކައިގެން ގުޑާނެ މީހެއް ނޫންކަން ރާއްޖޭގެ އެންމަނަށް ވެސް އެނގޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރު ދިފާއިކުރުމުގައި ކުރަން ޖެހުނު ހުރިހާ ކަމެއް ވެސް ކުރައްވާނެކަން ހާމަކޮށް ރިޔާޒު ވިދާޅުވީ މިމަހު 24 ގައި ނަގާ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވާނެ ކަމަށް ބުނަން އަދި އަވަސް ކަމަށެވެ.
"ވަރަށް ބައިވަރު ދުވަސް އަދި އެބައޮތް ވޯޓް ނެގުމާއި ދޭތެރޭގައި. ގިނަ ކަންތައްތަކެއް އަދި ބަދަލުވާނެ. މިއޮތް ގޮތަކަށް ވޯޓާއި ހަމައަށް ދާންދެން ސިޔާސީ މަސްރަހު ނޯވެ ދާނެ. ސިޔާސީ ކަމެއް ބަދަލުވާން 24 ގަޑިއިރަކީ ވެސް ވަރަށް ބައިވަރު ވަގުތު،" ރިޔާޒު ވިދާޅުވި އެވެ.