ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވިޔަސް ކަންބޮޑު ނުވާ ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން އެ ތިން މެމްބަރުން ވަކިވެވަޑައިގެންފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރުމަށް ފަހު އެވެ.

ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތިން ބޭފުޅުން ވަކިވިޔަސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެދާއިރާގެ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ކަމަށެވެ.

އެބޭފުޅުން ވަކިވުމުން ޕީޕީއެމްގެ ސަފުތައް އިތުރަށް ބަދަހިވާނެ ކަމަށާއި އަދި ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށް ޚަލީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ " ރައީސްޔާމީން ހުންނެވީ ސާބިތުވެ" ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި އިތުބާރުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހިމެނެ އެވެ.