09 Jul 2017, 14:25
މި މަސް ފެށުނުހެން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދީ ރާއްޖެއިން އދއަށް، އަދި އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަހްމަދު ސަރީރެވެ. އޭނާގެ މުވައްޒަފުންނާ އެކު މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ފެއާވެލް ހަފްލާއެއްގައި އަލްވަދާއު ވިދާޅުވެ ތަގުރީރު ކުރެއްވި ވަގުތު، ވެސް ހުންނެވި ފޮޓޯއެއް އާންމުވުމާ އެކު، އެ ފޮޓޯ ވައިރަލްވީއެވެ.
އެ ފޮޓޯގައި ދަރިކަނބަލުން ފެންނަނީ ސަރީރު އަރިހުގައި، ސަރީރުގެ އަތުގައި ހިއްޕަވައިގެން، ޕޯޑިއަމްގައި ބޯ ޖައްސާލައްވައިގެން ހުންނަވަނިކޮށެވެ. އެންމެންގެ ހިތާ ކުޅެލި ފޮޓޯއެކެވެ.
ނިއު ޔޯކްގައި ހުންނަ އދގެ މިޝަނުގައި މަސައްކަތް ކުރާ ބޭފުޅަކު "ސަން"އަށް ވިދާޅުވި ގޮތުގައި، ސަރީރަކީ ވަރަށް ހިތްހެޔޮ ބޭފުޅެކެވެ. އަދި އޭނާގެ އާއިލާއާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ، "ފެމިލީ މޭން"އެކެވެ. ފެއާވެލް ހަފްލާގެ ފޮޓޯއިންވެސް އެކަން ހާމަވެއެވެ.
ރާއްޖޭގެ ޚާރިޖިއްޔާގައި ގިނަ ދުވަހު ޚިދުމަތްް ކުރެއްވި ސަރީރު، ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ މިޝަނުގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ ނިޔަލަށް ޚިދުމަތް ކޮށްދެއްވުމަށްފަހު ވަކިވެވަޑައިގަތުމުގެ ކުރިން މިދިޔަ ހަފްތާގައި ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާވެސް ބައްދަލުކުރައްވައި، އަލްވަދާއު ވިދާޅުވެފައެވެ.
ސަރީރު ޓްވީޓުކުރެއްވި ފޮޓޯއިން ދައްކަނީ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައި، ސަލާން ކުރައްވާ މަންޒަރެވެ. އަދި ފޮޓޯގެ ފަހަތުން ކުރެހުމެއްވެސް ފެނެއެވެ.
ސަރީރުގެ ޓްވީޓުގައި ވިދާޅުވީ، އެ ކުރެހުމަކީ އދއިން އިންތިޒާމުކޮށްގެން ބޭއްވި "އާޓް ފޯރ ޕީސް" މައުރަޒަށް އޭނާ ކުރެއްސެވި ކުރެހުމެއް ކަމަށެވެ. ސަރީރު މަގާމު ދޫކުރައްވައި ވަޑައިގަންނަވަނީ، އޭނާގެ ކުރެހުން އދގެ ސެކްރެޓަރީ ޖެނެރަލަށް ވެދުން ކުރައްވައިފައެވެ.
ސަރީރުގެ އެ ކުރެހުމުގެ ނަމަކީ "އުފާވެރިކަން"އެވެ. އެ ފޮޓޯއިން ފެންނަނީ ކަނޑުގައި ދަތުރުކުރާ ދޯނިތަކެކެވެ. ކުރެހުމުގެ މަތީގައި ދިވެހި ބަހުން "އުފާވެރިކަން" ލިޔެފައިވާ އިރު، އެހެނިހެން ބަސްބަހުންވެސް "އުފާވެރިކަން" މި ބަސް ލިޔެފައި ހުއްޓެވެ.

ނިއު ޔޯކްގައި ހުންނަ ދިވެހި މިޝަނުގެ މުވައްޒަފުންނާ އެކު ސަރީރު --- ފޮޓޯ/ ދިވެހި މިޝަން، ނިއުޔޯކް
ސަރީރު އދއާއި އެމެރިކާގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ހަތަރު އަހަރާއި ހަ މަހެއްހާ ދުވަސް ހޭދަކުރައްވާފައިވާ އިރު، ރާއްޖެ ޗެއާކުރާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގައި ރާއްޖޭގެ ފަރާތުން ޗެއާކުރެއްވީވެސް އޭނާއެވެ.
އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަންގައި މަސައްކަތް ކުރެއްވުމުގެ ކުރިން ސަރީރު ވަނީ ބަންގާޅުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި، ލަންޑަނުގައި ހުންނަވާ ސަފީރުގެ ނައިބުކަން ކުރައްވައިފައެވެ. މީގެ އިތުރުން ވިލާތުގެ އިއްތިހާދަށް ރާއްޖެ އިން ކަނޑައަޅާފައިވާ މިޝަނާއި، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
ސަރީރަށް ފަހު ރާއްޖެއިން އދއަށާއި އެމެރިކާއަށް ކަނޑައަޅާ ސަފީރު، ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވަނީ މަގާމުގެ ފަތްކޮޅު އަރުއްވައިފައެވެ.