އެވަޓަންގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ، މެންޗެސްޓާ ޔުނައިޓެޑްގެ މެޑިކަލްގައި ބައިވެރިވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ލުކާކޫ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޔުނައިޓެޑްގެ މެޑިކަލްގައި ބައިވެރިވިއިރު ނެގި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އޭނާ މެޑިކަލް ހަދާފައިވަނީ އެމެރިކާގައެވެ.

މެޑިކަލްގައި ބައިވެރިވި ފޮޓޯތަކުގެ އިތުރުން ލުކާކޫ ވަނީ ޔުނައިޓެޑްގެ ޒުވާން ސަޕޯޓަރަކާ ބައްދަލުކުރި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އެ ފޮޓޯއާއެކު އޭނާ ލިޔެފައިވަނީ "ބައްދަލުމިވީ ފުރަތަމަ ޔުނައިޓެޑްގެ ސަޕޯޓަރާ. ވަރަށް އުފާކޮށް ޝުކުރުވެރިވަން،" ކަމަށެވެ.

ޔުނައިޓެޑްގެ މެޑިކަލްގައި ލުކާކޫ ބައިވެރިވެފައި މިވަނީ އޭނާ ގެނައުމަށް އެވަޓަންއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަން އެ ކްލަބުން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ. ޔުނައިޓެޑާ ލުކާކޫ ގުޅުމަށް އެއްބަސްވެފައިވަނީ 75 މިލިއަން ޕައުންޑަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ލުކާކޫ ވަނީ ދާދި ފަހުން ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއާއެކު ޓްރޭނިންއެއްގައި ވެސް ބައިވެރިވެފައެވެ.