09 Jul 2017, 13:11
ރާއްޖެ އިން އދ.އަށް ކަނޑައަޅާ ދާއިމީ މަންދޫބުކަމާއި ރާއްޖެ އިން އެމެރިކާއަށް ކަނޑައަޅާ ސަފީރުކަމާއި ކެނެޑާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް ޑރ. އަލީ ނަސީރު މުހައްމަދު އައްޔަނުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ޑރ. އަލީ ނަސީރު މުހައްމަދަށް އދ.ގެ މަންދޫބުކަމާއި އެމެރިކާ އަދި ކެނެޑާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އަރުއްވައިފަ އެވެ.

އދ.އާއި އެމެރިކާ އަދި ކެނެޑާގެ ސަފީރުކަމުގެ މަގާމަށް ޑރ. އަލީ ނަސީރު އައްޔަނުކުރުން -- ފޮޓޯ/ ރައީސް އޮފީސް
މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުން ޑރ. އަލީ ނަސީރު މުހައްމަދު ، ޑިސެމްބަރު 2013 އިން ފެށިގެން ހުންނެވީ ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުގަ އެވެ.
އދ.ގެ މަންދޫބުކަމާއި އެމެރިކާ ސަފީރުގެ މަގާމަށް ޑރ. އަލީ ނަސީރު އައްޔަނުކުރުމަށް ރައްޔިތުންގެ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ. މިއަދު އެ މަގާމަށް އައްޔަނުކުރެވުމާ އެކު، ޑރ. އަލީ ނަސީރު ވަރަށް އަވަހަށް މަގާމާ ހަވާލުވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ބައިވެރިވުމެއްވާ ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގުކުރުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެކަމަނާގެ ފިރިކަލުން ޑރ. އަލީ ނަސީރަށް ސަފީރުކަން ދިނުމަށް ސަރުކާރުން ފާސްކުރީ ޑރ. އަޒީމާ "ފިއްލެވުމުގެ ކަންކަން ހަމަޖައްސަން"ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ތުހުމަތު ކޮށްފައިވެ އެވެ.
މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އަލީ ނަސީރު އަދި އަނބިކަނބަލުން، އެމްއެމްއޭ ގަވަރުނަރު ޑރ. އަޒީމާ އާދަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަށް ރައްދު ދެއްވައި، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ މިދިޔަ އަހަރު ވަނީ، ޚިޔާނާތުގައި ބައިވެރިނުވާ ކަމަށާއި ފިލައިގެން ރާއްޖެއަށް ބޭރަށް ދިއުމުގެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަނާގެ ފިރިކަލުން ޑރ. އަލީ ނަސީރު މުހައްމަދު މިދިޔަ އަހަރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދައުލަތް ތަމްސީލުކުރާ ކަމަށެވެ.
"ދައުލަތް ތަމްސީލު ކުރުމަށް ސަފީރުން ރާއްޖެއިން ބޭރަށް ދަނީ. އދ.ގައި ވިޔަސް ގައުމެއްގައި ވިޔަސް. ބަޔަކު ފިލުވަން ނުވަތަ ފޮރުވަން ނުވަތަ ފިލުވަން ފުރުސަތު ދޭން އައްޔަނު ކުރަން ތިބޭ ބައެއް ނޫން ދިވެހި ޑިޕްލޮމެޓުންނަކީ،" ޑރ. އަލީ ނަސީރު މިދިޔަ އަހަރުގެ ތެރޭގައި ވިދާޅުވި އެވެ.
މިހާތަނަށް އދ.ގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމާއި އެމެރިކާއަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވީ އަހްމަދު ސަރީރެވެ. އޭނާ މިދިޔަ ހަފްތާގައި ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައި، އަލްވަދާއު ވެސް ވިދާޅުވެފަ އެވެ.