09 Jul 2017, 11:13
ހއ. އުލިގަމުގައި ކޮންމެ އަހަރެއްގެ ރޯދަ މަހަށް ފަހު ބާއްވާ މަސް ފިހުމުގެ ބޮޑު ހަރަކާތް ރޭ ބާއްވާފައިވާ އިރު އެ ހަރަކާތުގެ ކަންކަން ހިނގައި ދިޔައީ ރާވާފައިވާ ގޮތާ މުޅިން ހިލާފަށެވެ. ސަބަބަކީ ކުއްލިއަކަށް މޫސުން ގޯވެ ވިއްސާރަ ވުމެވެ.
އެގޮތަށް މަސް ފިހާތާ އަށް ވަރަކަށް އަހަރުވެފައިވާ އިރު ކޮންމެ އަހަރެއްގައި ވެސް މަސް ފިހުމާއި ކެއުމުގެ ކަންކަން ކުރިއަށް ގެންދަނީ އެރަށު ބަނދަރު ސަރަހައްދުގަ އެވެ. މިފަހަރު ވެސް އެކަން ރާވާފައި އޮތީ އެހެނެވެ.

އުލިގަމުގައި އިއްޔެ ބޭއްވި މަސް ފިހުމުގެ ހަރަކާތުގެ ތެރެއިން-- ވިއްސާރަ ވުމުން މަސް ފިހުނީ ގުދަނެއްގެ ތެރޭގައި-- ފޮޓޯ: އުލިގަމު ފޭސްބުކް ޕޭޖް
ނަމަވެސް ވިއްސާރަ ވުމުން އެފުރުސަތެއް ނުލިބުނެ އެވެ. އެކަމަކު އެކަން ކެންސަލް ނުކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އުލިގަމު ކައުންސިލް ރައީސް އަހުމަދު މުއާޒް މުހައްމަދު ސަން އަށް ވިދާޅުވި ގޮތުގައި ވިއްސާރަ ވުމުން ރޭ މަސް ފިހުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެމްޓީސީސީ އިން އެރަށުގައި ހަދާފައިވާ ގުދަނެއްގެ ތެރޭގަ އެވެ. އެތަނުގެ ތެރޭގައި ޖުމުލަ 482 މަސް ފިހެފައިވެ އެވެ.

އުލިގަމުގައި އިއްޔެ ބޭއްވި މަސް ފިހުމުގެ ހަރަކާތުގެ ތެރެއިން-- ވިއްސާރަ ވުމުން މަސް ފިހުނީ ގުދަނެއްގެ ތެރޭގައި-- ފޮޓޯ: އުލިގަމު ފޭސްބުކް ޕޭޖް
ރަށުގެ ބަނދަރު ސަރަހައްދުގައި ކެއުމުގެ ކަންކަން ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ވާރޭ ވެހޭތީ ކެއުމުގެ ހަފްލާ ބާއްވާފައި ވަނީ އެރަށު އަންހެނުންގެ އިޖުތިމާއީ ހިޔާ ހޯލުތެރޭގަ އެވެ.
ކެއުމުގައި ބައިވެރިވީ އެ ރަށުގައި މިވަގުތު ދިރިއުޅޭ 350 ވަރަކަށް މީހުންނެވެ. ކައިރިރަށްރަށާއި އަތޮޅު ކައުންސިލް މެމްބަރުންނަށް ދައުވަތު ދިން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ފަރާތަކަށް އާދެވޭ ގޮތެއްނުވިކަމަށް ކައުންސިލްއިން ބުނެ އެވެ.
މުއާޒު ވިދާޅުވީ ދެން ކުރިއަށް އޮތް އަހަރުތަކުގައި މަސް ފިހުމުގެ ހަރަކާތްތައް ރާވާނީ މޫސުމަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.
އާބާދީގައި 526 މީހުން ދިރިއުޅޭ އުލިކަމުގައި އެގޮތަށް މަސް ފިހާތާ މިހާރު އަށް އަހަރު ވަނީ ވެފަ އެވެ.