ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފި އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާގެ ކްރިމިނަލް ކޯޓުން ނިންމާލާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

އެމައްސަލައިގެ ހުކުމް އިއްވުން މިއަދު 10:30 ހަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފަ އެވެ.

އެމައްސަލައިގެ ރިޔާޒުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން އޭނާގެ ވަކީލު ވިދާޅުވީ، އާއްމުކޮށް ކޯޓުން ނެރޭ އަމުރު ތަކުގައި ލޮކް ކޯޑު ދިނުމަށް ޖަހާފައި އާއްމުކޮށްވެސް ހުންނަ ކަމަށް ހެކިބަސް ދިން ފުލުހުން ފާހަގަ ކުރި ކަމަށެވެ. އަދި ފުލުހުންގެ ކިބައިން ސީދާ ލޮކްކޯޑު ދިނުމަށް އެދި ކޯޓު އަމުރެއް ލިބޭތޯ މަސައްކަތް ކޮށްދިނުމަށް ރިޔާޒު އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް މަޝްވަރާ ކުރެވުނު ކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވާ ކަމަށެވެ.

ރިޔާޒުގެ ވަކީލު ފާހަގަ ކުރެއްވި ގޮތުގައި ފޯނުގެ ލޮކް ކޯޑު ޝަރީއަތުގައި ރިޔާޒް ޖަހައިދީފައިވާއިރު، ފުރަތަމަ ޖެހި ފަހަރު ނުބައިކޮށް ކޯޑު ޖެހުމުން 10 މިނިޓަށް ފޯނު ޑިސޭބަލް ވެފައިވާ ކަމަށެވެ. އަދި އެގޮތަށް 10 މިނިޓަށް ޑިސޭބަލް ވުމުން، އެތައް ފަހަރަކު ކޯޑު ޖަހަން މަސައްކަތް ކޮށްފައިވާކަން އެނގޭކަމަށް އޭނާ ވިދާޅުވި އެވެ.