ޝީޝާ ބުއިމަކީ ދިވެހި ޒުވާނުންގެ ކަށީގައި ހިފާފައިވާ ކަމަކަށް މިހާރު މިވަނީ ވެފައެވެ. ޝީޝާ ބޭނުންކުރާ ދިވެހީންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ގިނަ ރެސްޓޯރެންޓްތަކަށް ނަޒަރު ހިންގާލާއިރު ޝީޝާ ބޯން ތިއްބާ ފެންނަ ޒުވާނުން މަދެއް ނޫނެވެ.

ޝީޝާއަކީ ކުރީ ޒަމާނުގައި ދިވެހީން ބޭނުންކުރި ގުޑުގުޑާއާ އެއްގޮތް އެއްޗެކެވެ. ޒަމާނީގޮތަށް ގުޑުގުޑާ ބަދަލުވެ، ޝީޝާގެ ނަމުން ނަންދީ، ދުންފަތާއެކު ތަފާތު އެކި ރަހަތަކެއް އެއިން ލިއްބައިދޭތީ ޒުވާނުން ޝައުގުވެރިކަމާއެކު އެ ބޭނުންކުރެއެވެ. ނަމަވެސް ގުޑުގުޑާ އިން ވެސް ސިއްހަތަށް ލިބެނީ ގެއްލުމެވެ. ޝީޝާ އިން ވެސް ސިއްހަތަށް ލިބެނީ ގެއްލުމެވެ. ލިބޭ ހަމަ އެންމެ ފައިދާއެއް ވެސް ނެތެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޝީޝާއަކީ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫންކަން ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ.

މި ރިސާޗު ހެދުމަށްޓަކައި އެ ޔުނިވާސިޓީއިން ވަނީ 55 މީހުން މޮނިޓާކޮށްފައެވެ. މިރިސާޗް ކުރުމުގެ ގޮތުން މި 55 މެންބަރުންގެ ޔޫރިން ސާމްޕަލް ޝީޝާ ބުއިމުގެ ހަފްތާއެއް ކުރިން ވަނީ ނަގާފައެވެ. އެއަށްފަހު މިމީހުންވަނީ ޝީޝާ ބުއިމަށްފަހު އެމީހުންގެ ޔޫރިން ސާމްޕަލް މިރިސާޗް ޓީމަށް ދީފައެވެ. މީގެ އިތުރުން މިބައިވެރިން ވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނުވެސް ޔޫރިން ސާމްޕަލް ނަގާ އެތަކެތި މިޓީމާއި ހަވާލުކޮށްފައެވެ.

ރިސާޗަރުންގެ އެކިއެކި ޓެސްޓްތަކަށްފަހު ހާމަވެގެން ގޮސްފައިވާ ގޮތުގައި ޝީޝާ ބުއިމަށް ފަހު ހަށިގަނޑުގައި ހުރި ނިކޮޓިންގެ މިންވަރު ވަނީ 73 ގުނައަށް އިތުރުވެފައެވެ. އަދި ކޮޓިނިންގެ މިންވަރުވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ. މީގެ އިތުރުން ކެންސަރު ޖެހުމަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލްތަކުގެ މިންވަރު ހަށިގަނޑުގައި ދެގުނައަށް އިތުރުވެފައިވެއެވެ.

ޝީޝާ ބުއިމުގެ ސަބަބުން ޖެހޭ ބަލިތަކަކީ ސިނގިރޭޓުބޯ މީހުންނަށްވެސް ޖެހޭ ބަލިތައް ކަމަށާއި ނަމަވެސް ޝީޝާ ބުއިމުން ގައިގެ ތެރެއަށް ފޯރާ ދުން ސިނގިރޭޓާ އަޅާ ބަލާއިރު އެތަށް ގުނައެއް ގިނަވެފައި ބޯ ވުމުގެ ސަބަބުން ހަށިގަނޑުގެ ލޭދައުރުކުރާ ހޮޅިތަށް ބެދުމުގެ ފުރުޞަތު އަވަސް ކަމުގައި އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އަދި ވާލްޑް ހެލްތް އޮގަނައިޒޭޝަނުން (ޑަބްލިއުއެޗްއޯ) 2005 ގައި ނެރުނު ރިޕޯޓެއްގައިވެސް ހާމަކޮށްފައިވެއެވެ.

ޝީޝާގައި ގިނަ އަދަދަކަށް ކާބަން-މޮނޮކްސައިޑްގެ މާއްދާ އެކުލެވުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރުޖެހުމަށް އަދި އާދަޔާ ހިލާފަށް ނޭވާކުރުވުމަށް މަގުފަހިވެއެވެ. އަދި މީގެއިތުރުން މީގައި އެކުލެވޭ ނިކޮޓިން އަދި ކޮޓިނިންގެ މިންވަރުތައް މަތިވުމުގެ ސަބަބުން ހިތުގެ ބަލިތަށް ޖެހުންވެސް އަވަސްވާ ކަމަށްވެސް ސީޑީސީއިން ހާމަކުރެއެވެ.