18 Jul 2011, 12:20
ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުގެ ކުއާޓަފައިނަލަށް ދަތުރުކޮށް ޕެރަގުއޭ އަތުން ކަޓައިގެންދިޔަ ނަމަވެސް އެ ޓީމު ކޮޕާ އެމެރިކާގައި ދެއްކީ މޮޅު ކުޅުމެއްކަމަށް ބްރެޒިލްގެ ތަރި ރޮބީނިއޯ ގަބޫލުކުރާކަމަށް އޭނާ ބުނެފި އެވެ.
ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އަދި އަށް ފަހަރުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަން ބްރެޒިލްއަށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުނުވީ މުބާރާތުގެ ކުއާޓަ ފައިނަލްގައި ޕެރަގުއޭއާ ބައްދަލުކޮށް ޕެނަލްޓީ އާއި ހަމައިން ބަލިވުމުންނެވެ. މި ދެޓީމު ގްރޫޕް ސްޓޭޖްގައި ބައްދަލުކޮށް އެއްވަރުވެފައިވަނީ 2-2 ންނެވެ.
މެޗް ފެށުނީއްސުރެ ބްރެޒިލްއިން ދިޔައީ ކެނޑިނޭޅި ޕެރަގުއޭގެ ޑިފެންޑަރުންނަށާއި ކީޕަރަށް ނުރައްކާކުރަމުންނެވެ. މެޗްގެ 120 މިނެޓް މުޅިންކަހަލަ ގޮތަކަށް ކުޅެމުންދިޔަ ބްރެޒިލްގެ ބޮޑު ހުރަހަކަށް ވެގެންދިޔައީ މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ޕެރަގުއޭގެ ކީޕަރު ޖަސްޓޯ ވިލާ އެވެ. ކީޕަރު ވިލާގެ ސަބަބުން ބްރެޒިލްއަށް އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބުނުކުރެވުނު ނަމަވެސް ރޮބީނިއޯ ވަނީ އަމިއްލަ ޓިމަށް ތަޢުރީފްކޮށްފަ އެވެ.
"އަހަރެމެންނަށް މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުނު. އަހަރެމެން އިތުރަށް ކުރިއަށް ދިއުމަށް ދެން ވިސްނަންވީ. ޗެމްޕިއަންކަން ނުލިބުނީމަ އަހަރެން ވެސް އަދި ޓީމު ވެސް ދެރަވޭ. އަހަރެމެން މޮޅަށް ކުޅެ ބަލިވެގެންދިޔައީ ޕެނަލްޓީ އިން. އަހަރެމެން ޕެނަލްޓީ ޖެހުމުގެ ޕްރެކްޓިހެއް ވެސް ބާއްވާ ފަރިތަކުރުންތަކުން. އެކަމު ކަންތައް ދިމާކުރިގޮތުން މިފަހަރުގެ މުބާރާތުގައި ނާކާމިޔާބުވެގެންދިޔައީ." ބްރެޒިލްގެ ފޯވާޑް ރޮބީނިއޯ ބުންޏެވެ.
އާޖެންޓީނާގެ އެންމެ ބޮޑު ވާދަވެރިންކަމަށްވާ ބްރެޒިލްއަށް ވެސް ދަތުރުކުރެވުނީ އާޖެންޓީނާއެކޭ އެއްގޮތަށް ކުއާޓާ ފައިނަލާ ހަމައަށެވެ. އެހެން ނަމަވެސް އާޖެންޓީނާ ކުޅެމުންދިޔައީ އަމިއްލަ ގައުމުގަ އެވެ. އެހެންކަމުން ގިނަބަޔަކު ގަބޫލުކުރަމުން ދިޔައީ ވެސް މުބާރާތް ހޯދާނެ ގައުމަކަށް ވެގެންދާނީވެސް އާޖެންޓީނާކަމެވެ.
އުމުރުން 27 އަހަރުގެ ފޯވާޑް ރޮބީނިއޯ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ދަނޑުތަކަށް ފާޑު ވެސް ކިޔައިފަ އެވެ. "އަހަރެންމެން ކަހަލަ އަވަސް ފުޓްބޯޅައަށް ކުޅޭ ޓީމަކަށް މިދަނޑުތަކަކީ ވަރަށް ނުރައްކާތެރި ދަނޑުތަކެއް." ރޮބީނިއޯ ބުންޏެވެ.
މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ ޕެރަގުއޭ ކީޕަރު ވިލާވަނީ އަމިއްލަ ޓީމަށް ސާބަސްދީ ބްރެޒިލްއަކީ ހުރިހާގޮތަކުން ވެސް މޮޅު ޓީމެއްކަމަށް އެއްބަސްވެފަ އެވެ.
"އަހަރެމެންނަށް މެޗްތެރެއިން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު. ބްރެޒިލްކަހަލަ މޮޅު ޓީމަކާއި ދެކޮޅަށް ކުޅެ މޮޅު ލިބުމުން ވަރަށް އުފާކުރަން. އަހަރެމެން ސެމީ ފައިނަލްގައި މިކުޅުން ދެއްކެތޯ މަސައްކަތްކުރާނަން. ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރަށް ސާބަސްދެން." ޕެރަގުއޭގެ ކީޕަރު އަދި ކެޕްޓަން ވިލާ ބުންޏެވެ.
ބްރެޒިލް މިމުބާރާތުގައި ކުޅުނު މެޗްތަކަށް ބަލައިލާ އިރު ބްރެޒިލްއަށް މުބާރާތުގައި މާބޮޑު ކާމިޔާބެއް ލިބިފަ އޮތެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ގްރޫޕް ސްޓޭޖްގައި ބްރެޒިލް ތިން މެޗްކުޅުންއިރު ދެމެޗްވަނީ އެއްވަރުވެފަ އެވެ. ފަހު މެޗްގައި ބްރެޒިލް މޮޅުވީ ގްރޫޕްގެ އެންމެ ފުލުގައި އޮތް ޓީމާއި ދެކޮޅަށް ކުޅެގެންނެވެ.
މިމުބާރާތާއި ޚިލާފަށް 2007 ވަނަ އަހަރުގެ މުބާރާތް ބްރެޒިލް ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ. އެއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން މެކްސިކޯ އަތުން ނާކާމިޔާބުވީނަމަވެސް މުބާރާތް ނިންމާލީ އެތަކެއް ގޯލެއްޖަހައިގެންނެވެ. ފައިނަލް މެޗްގައި ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ ކޮޅަށް 3 ލަނޑު ކާމިޔާބުކުރުމަށް ފަހު އެވެ.
ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގެ ޖާގައެއް ބްރެޒިލް ބަލިކޮށް ޕެރަގުއޭއިން ކަށަވަރުކުރި އިރު ވެނެޒުއޭލާވަނީ ޗިލީއާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފަ އެވެ. ވެނެޒުއޭލާއިން ޗިލީގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މިމެޗްގެ 34 ވަނަ މިނެޓްގައި ވެނެޒުއޭލާގެ އޮސްވަލްޑޯ ވަޒްކަރޮންޑޯވަނީ ލަނޑެއް ކާމިޔާބުކޮށް ވެނެޒުއޭލާއަށް ލީޑް ނަގައިދީފަ އެވެ. ޗިލީއަށް ނަތީޖާ ހަމަހަމަކުރެވޭވަރުވީ މެޗްގެ ދެވަނަ ހާފްގަ އެވެ. މެޗްގެ 69 ވަނަ މިނެޓްގައި ޗިލީއަށް ހަމަކޮށްދީފައި ވަނީ ހަމްބާޓޯ ސުއާޒޯ އެވެ. ޗިލީއިން ނަތީޖާ ހަމަހަމަކުރިތާ 10 މިނެޓް ނުވަނީސް ވެނެޒުއޭލާގެ ގެބްރިއަލް ޗިޝޭރޯވަނީ އަލުން ލީޑް ނަގައިދީފަ އެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗް ބުދަ ދުވަހުގެ ފަތިހު 5:45 ގައި ކުޅޭއިރު ފަހުމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:45 ގަ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ޕެރޫ އާއި އުރުގުއޭ ބައްދަލުކުރާ އިރު ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕެރަގުއޭ އާއި ވެނެޒުއޭލާ އެވެ.