ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ 10 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކެއް މަސީހުގެ ދިފާއި ވޯޓު ދެއްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރަގެ މެމްބަރު އިބްރަހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އިތުރު ފަސް މެމްބަރަކާއެކު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރޭ މާލެ ވަޑައިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ފަލާހު ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހަށް މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާ އިރު، އެދުވަހުގެ ވޯޓާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ.

"ސަތޭކަ ޕަސަންޓު ޔަގީންކަން ދެން، 24 ވަނަ ދުވަހު އަޅުގަނޑުމެން މަޖިލީހުގެ ގޯތިތެރެއިން ނުކުމެގެން ދާނީ މިހާރުވެސް ހުންނެވި ރައީސް ގޮނޑީގައި ބަހައްޓާފައި،" ފަލާހު ވިދާޅުވިއެވެ.

ފަލާހުއާ އެކު ލަންކާއަށް ވަޑައިގެންނެވި މެމްބަރުންނަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި އެމްޑީއޭއަށް ނިސްބަތްވާ، ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

އެބޭފުޅުން ލަންކާއަށް ވަޑައިގަތީ އެގައުމުގައި އުޅުއްވާ، މަސީހާ ދެކޮޅަށް މައްސަލަ ވައްދަން ސޮއިކުރި ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ފަލާހު ވަނީ އެކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރެއް ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދީ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެމްބަރުންގެ ސޮއިޔާ އެކުގައެވެ.

އެ 10 މެމްބަރުންނަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ، އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

ފަލާހު ރޭ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން "ބައިވަރު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެއްކޮޅަށް ވޯޓުގައި ބައިވެރިވާނެ" ކަމަށާއި، "އިދިކޮޅުންވެސް ވޯޓު ލިބިގެންދާނެ" ކަމަށެވެ.

ފަލާހު މިހެން ވިދާޅުވެފައިވާ އިރު، ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިތުބަރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ރޭ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ހުންނެވީ ކޮށްފައިވާ ސޮޔާއެކު ކަމަށާއި އޭނާގެ ޚިޔާލަކަށް ބަދަލެއް ނާންނަ ކަމަށެވެ.

މެމްބަރު ޝިނާން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ "ބިން ފުރައި ރަން އެޅިޔަސް" އޭނާގެ ނިންމުން ބަދަލުނުވާނެ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސައްޙަ ސޮއި ކަމަށް ވިދާޅުވެފައެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެފައިވަނީ މުޅި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ޖާގައެއް ނުދެވޭނެ ކަމަށާއި، މަސީހު ރައީސްކަމުން ދުރުކުރަންޖެހޭ ކަމަށެވެ.

ނަމަވެސް އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާގެ ނަމުގައި ވަނީ "ވަގު ސޮޔެއް" ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ.