09 Jul 2017, 09:31
ރާއްޖޭގައި ޚިދުމަތްދޭ ރިސޯޓުތައް އިތުރުކޮށް، ބެޑް ކެޕޭސިޓީ އިތުރު ކުރުމުގައި ސަރުކާރުން ސަމާލު ނުވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިގްތިސާދުގެ ނާރެސް ކަމުގައިވާ ފަތުރުވެރިކަމަށް ކޮށްފާނެ ކަމަށް ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަން ސިޔާމް، ސަން އެކުއާ ވިލުރީފް ރިސޯޓްސްގައި މިރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާއަށް ފަހު "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލަށް ހުޅުވިގެންދާ ރިސޯޓުތަކުގެ އަދަދު އިތުރުވެގެން ދިއުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެ ސިނާއަތަށް ކޮށްފާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ 50 ޕަސެންޓަށް ދަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން އަދި މިހާރު ރާއްޖެ އަށް މި އޮތް ޑިމާންޑު 70 ޕަސެންޓު، 80 ޕަސެންޓުގައި. ކުރިއަށް އޮތް ތަނުގައި [އެ އަދަދު] ދަށްވާނެ ކަމަށް އަޅުގަނޑަށް އިހުސާސް ކުރެވޭ. އަދި ނެގި ސްޓަޑީތަކުން އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ތިން އަހަރާއި ނުވަތަ އެއް އަހަރު ވިޔަސް، އަންނަ އަހަރު ވިޔަސް އަޅުގަނޑަށް ލަފާ ކުރެވެނީ މި 72 ޕަސެންޓު އޮކިއުޕެންސީ 50 ޕަސެންޓަށް ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް،" ސިޔާމް ވިދާޅުވި އެވެ.
ނަމަވެސް އެ ރިސޯޓުތައް ހުޅުވައި ރަނގަޅަށް މާކެޓު ކުރެވިއްޖެ ނަމަ ގޮންޖެހުންތައް ހުއްޓަސް އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން ރަނގަޅު ކުރުމަށް އޮތް ގޮތަކީ އަޅުގަނޑަށް ފެންނަ ގޮތަކީ ރަނގަޅު ޑެސްޓިނޭޝަން މާކެޓިންއެއް ފެށި، ރާއްޖޭގައި މި އިތުރުވާ ބެޑްތަކަކީ ލިމިޓް ކުރަން ޖެހޭ އެއްޗެއް ކަމުގައި ހެދުން މަޖުބޫރު [ކުރުން]،" ސިޔާމް ވިދާޅުވި އެވެ.
ސަން އަކުއާ ވިލުރީފުގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލްސް އެވޯޑުގެ އިންޑިއަން އޯޝަން ގާލާގައި ރާއްޖެއަށް ގިނަ އެވޯޑުތަކެއް ލިބިފައިވާ އިރު އެންމެ ޝަރަފުވެރި ތިން އެވޯޑުވެސް ލިބުނީ ރާއްޖެ އަށެވެ. އެއީ އިންޑިއާ ކަނޑުގެ ލީޑިންގް ޑެސްޓިނޭޝަނާއި، ލީޑިންގް ބީޗު ޑެސްޓިނޭޝަން އަދި ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ. މި އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު، ހުސައިން ލިރާރެވެ.
މި ތިން އެވޯޑަކީ މިދިޔަ އަހަރު ވެސް ލިބި، ރާއްޖެއިން ދިފާއުކުރި ތިން އެވޯޑެވެ. އެ ތިން އެވޯޑު ވެސް ރާއްޖެއިން ހޯދީ އިންޑިއާ ކަނޑުގެ ހަތަރު މަންޒިލެއް ކަމުގައިވާ ސީޝެލްސް، މޮރީޝަސް، މަޑަގަސްކާ އަދި ރިޔޫނިއަން އައިލެންޑްސްއާ ވާދަކޮށްގެންނެވެ.
މިއީ ރާއްޖެއަށް ސަރަހައްދުގެ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނު 11 ވަނަ ފަހަރެވެ. މީގެ ކުރިން 2003 ވަނަ އަހަރާއި، 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް، އަދި 2012، 2013، 2014 އަދި 2016 ވަނަ އަހަރު ވެސް އިންޑިއާ ކަނޑުގެ ލީޑިންގް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ރާއްޖެ އަށެވެ.
މިއީ ސަރަހައްދުގެ ލީޑިންގް ބީޗު ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް ލިބުނު ފަސް ވަނަ ފަހަރެވެ. މިދިޔަ ހަތަރު އަހަރު ވެސް މި އެވޯޑު ލިބިފައިވަނީ ރާއްޖެ އަށެވެ. މީގެ އިތުރުން ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއަށް މިއަހަރު ލިބުނީ ތިންވަނަ ފަހަރަށެވެ. މީގެ ކުރިން މި އެވޯޑު ރާއްޖެއަށް ލިބުނީ 2007 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ.
މިރޭ ކުރިޔަށް ދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާގައި ދިވެހިރާއްޖޭގެ އެކި ފަރާތްތަކުން ވަނީ އެވޯޑުތަކަށް ނޮމިނޭޓުވެ، އެވޯޑު ހާސިލު ވެސްކޮށްފަ އެވެ.
އިންޑިއާ ކަނޑުގެ ލީޑިންގް ރިސޯޓު:
ގިލިލަންކަންފުށި މޯލްޑިވްސް- އިންޑިއާ ކަނޑުގެ ލީޑިންގް ޕްރައިވެޓް އައިލެންޑް ރިސޯޓު އެވޯޑު:ކޯމޯ ކޮކޯ އައިލެންޑް މޯލްޑިވްސް
- އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ އައިލެންޑް ރިސޯޓު:ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
- އިންޑިއާ ކަނޑުގެ ލީޑިންގް ފެމިލީ ރިސޯޓު:ދަ ސަން ސިޔާމް އިރުފުށި
- އިންޑިއާ ކަނޑުގެ ލީޑިންގް ލެއިޝާ ހޮޓެލް:ހުޅުލެ އައިލެންޑް ހޮޓެލް
- އިންޑިއާ ކަނޑުގެ މޯސްޓް ރޮމޭންޓިކް ހޮޓެލް:ބަރޮސް މޯލްޑިވްސް
- އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ނިއު ރިސޯޓު:ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
- އިންޑިއާ ކަނޑުގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓު:ސަން އަކުއާ ވިލު ރީފް
- އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ރިސޯޓު:މިލައިދޫ އައިލެންޑް މޯލްޑިވްސް
- އިންޑިއާ ކަނޑުގެ ލީޑިންގް މައިސް ހޮޓެލް: ކުރުނބާ މޯލްޑިވްސް
- އިންޑިއާ ކަނޑުގެ ލީޑިންގް ލަގްޒަރީ ވިލާ ރިސޯޓު:ވެލާ ޕްރައިވެޓް އައިލެންޑް