09 Jul 2017, 00:22
އިއްޔެ ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި "ހިނި އަންނަނީ"އޭ ބުނެ، ޓްވީޓުތަކާއި ޕޯސްޓުތައް ކުރަމުން ދިޔަ އިރު، ގިނަ ބަޔަކު އެކަމަށް ޝައުގުވެރިވިއެވެ.
ޕީޕީއެމްއިން އިއްޔެ ބުނި ގޮތުގައި، "ހިނި އަންނަނީ"އަކީ އެ ޕާޓީން ބާއްވާ ސަޕްރައިޒް އިވެންޓެކެވެ. އޭގެ ތެރެއިން ކަމަށް އެ ޕާޓީން ބުންޏެވެ.
މިރޭ ހިނގާ މިކަމަކީ ކޮން ކަމެއްތޯ ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ޚިލާފަށް، މި ހަރަކާތް ވެގެން ދިޔައީ މިއުޒިކް ޝޯއަކަށެވެ. އެ ހަރަކާތް ހިނގި ވަގުތު އިސްކޮށް ހަރަކާތްތެރިވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިނާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނެވެ.
އެ ހަރަކާތާ ބެހޭގޮތުން ޕީޕީއެމްގެ މަޖިލީސް މެމްބަރަކު "ސަން"އަށް ވިދާޅުވީ، "ހިނި އަންނަނީ"ގެ ނަމުގައި ބާއްވަން ފެށީ މުނިފޫހިފިލުވުމުގެ ހަރަކާތެއް ކަމަށާއި، މިއީ ޕީޕީއެމްގެ ޒުވާނުންތަކެއް އިސްނަގަިއގެން ކުރިޔަށް ގެންދާ ކަމެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ ޒުވާން މެމްބަރުން އެއްތަނަކަށް ޖަމާވެ އުޅުމަށްޓަކައި، ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދާނެ ަހަރަކާތެއް ކަމަށެވެ.
އަދި މި ހަރަކާތަކީ ސަޕްރައިޒް ހަރަކާތެއް ކަމަށާއި، އަންނަ ހަފްތާގައިވެސް މިފަދަ ހަރަކާތެއް، ތަފާތު ކަންތައްތަކަކާ އެކު ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ ހަރަކާތް ކުރިޔަށް ދިޔަ އިރު ސައުންޑް ސިސްޓަމްގައި މައްސަލަ ޖެހުނު ކަމަށާއި އެހެންކަމުން "މިރޭގެ ރަސްމީ ބައި ކުރިޔަށް ނުގެންދެވުނު" ކަމަށްވެސް، ސަންއާ ވާހަކަދެއްކި މެމްބަރު ވިދާޅުވިއެވެ.