ކ. މާފުށީ ޖަލުގައި އޮތް ދެ ގައިދީއެއްގެ ދެމެދުގައި ހިންގި މާރާމާރީ އެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

މާފުށީ ޖަލުގެ ޔުނިޓް ނުވައެއްގެ ވިންގް ދޭއްގައި އިއްޔެ މާރާމާރީއެއް ހިނގިކަން 'ސަން' އަށް ވަނީ ކަށަވަރު ވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ދެ ގައިދީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެމައްސަލައިގެ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީއާ ގުޅިގެން އެ ޔުނިޓްގައި ތިބި އެހެން ގައިދީން މިހާރު ވަނީ ގޮޅިތަކަށް ލައި ބަންދުކޮށްފަ އެވެ.

ނަމަވެސް އެ މާރާމާރީގައި އެ ގައިދީއަށް ލިބުނީ ކިހާވަރެއްގެ ޒަޚަމެއް ކަން ސާފެއް ނުވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލު ވަނީ ލިބޭގޮތް ނުވެފަ އެވެ.