09 Jul 2017, 00:39
މާލޭ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ވާދަ ކުރި މެޗު ހަމަހަމަވެ ނިއުރޭޑިއަންޓް، ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.
ވިކްޓަރީއާ ނިއުރޭޑިއަންޓް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފަށް ބަލާއިރު މެޗުގެ ބޮޑުބައި ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ހޯދާފައިވަނީ ވިކްޓަރީންނެވެ. އެ ޓީމަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ތަނަވަސް ދެ ފުރުޞަތު ލިބިގެން ގޮސްފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ފުރަތަމަ ހަފުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން އަދި ކީޕަރު އިމްރާން މުހައްމަދަށްވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކުވެސް އިމްރާން ގިނަ އިރުތަކެއް ވަންދެން ދަނޑު މަތީގައި ހުރި އިރު އޭނާ ބަދަލުކޮށްފައި ވަނީ ދެވަނަ ހާފުގައެވެ.
އިމްރާންގެ ބަދަލުގައި ކީޕަރު ޒީޔަޒަންއާއެކު ނިއުއިން ދެވަނަ ހާފު ފެށިއިރު މި ހާފުގައި ނިއުއިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އެޑްރިއަންއެވެ.
ވިކްޓަރީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ 72 ވަނަ މިނެޓްގައި ކެޕްޓަން އިސްމާއިލް އީސާއެވެ.
އެ ނަތީޖާއާއެކު ވިކްޓަރީއަށް ލީގު ތާވަލްގެ ހަތަރުވަނަ މަގާމް ލިބޭއިރު ނިއުރޭޑިއަންޓް ވަނީ މާޒިޔާއާ އެކު ޕްރިމިއާ ލީގަށް ކޮލިފައިވެފައެވެ.