09 Jul 2017, 00:25
ވެލާނާގެ ކައިރީގައި ހައުސިންގ މިނިސްޓްރީން ބެެހެއްޓި މެކޭނިކަލް ޕާކިންގް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންސްޓޯލްކުރުމުގެ މަސައްކަތް ފެށި މެކޭނިކަލް ކާރު ޕާކިންގް ސިސްޓަމް ބޭނުންކުރަން ފަށާފައިވާ ކަމަށް ވިދާޅުވީ، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ސިސްޓަމް ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އިތުރު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ.
މާލޭގައި ކާރު ޕާކު ކުރާ 10 މެކޭނިކަލް ސިސްޓަމާއި ސައިކަލު ޕާކު ކުރާ 10 ސިސްޓަމް މާލޭގައި އިންސްޓޯލްކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.
މިއަހަރުގެ މާޗު މަހުގެ ކުރިން ހުރިހާ ސިސްޓަމެއް އިންސްޓޯލް ކުރާނެ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު މީގެެ ކުރިން ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާތަނަށް އިންސްޓޯލުކުރެވުނީ އެންމެ ސިސްޓަމެކެވެ.
މި ސިސްޓަމް ބެހެއްޓުމުގެ ސަބަބުން ވެލާނާގޭ ސަރަހައްދުގައި ކާރު ޕާކުކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.