އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު އެއާޕޯޓުގެ އެވޯޑު، ރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެއެވެ.

ސަން އަކުއާ ވިލުރީފް ރިސޯޓުގައި މިރޭ ކުރިޔަށްދާ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއާ ކަނޑުގެ ބެސްޓް އެއާޕޯޓުގެ އެވޯޑު ލިބުނު އިރު، އެ އެވޯޑާ ހަވާލުވެލެއްވީ އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއެވެ.

ވެލާނާ އެއާޕޯޓަށް މި އެވޯޑު ލިބުނީ، މަޑަގަސްކާގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި، ރިޔޫނިއަންގެ ރޯލެންޑް ގަރޯސް އެއާޕޯޓާއި، ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓާއި މޮރީޝަސްގެ ސިވޫސަގޫރު ރާމްގުލަމް އިންޓަނޭޝަނަލް އެއާޕޯޓާ ވާދަކޮށްގެންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން އިންޑިއަން އޯޝަން ގާލާއެއް ބާއްވަން ފެށީ 2003 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުވަ ފަހަރަށް ބެސްޓް އެއާޕޯޓުގެ އެވޯޑު ލިބިފައިވާ އިރު، މިއަހަރަކީ އެ އެއާޕޯޓަށް އެ އެވޯޑު ލިބުނު 10 ވަނަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީގެ ކުރިން މި އެވޯޑު ލިބިފައިވަނީ 2004، 2005، 2008، 2009، 2012، 2013، 2014، 2015 އަދި 2016 ވަނަ އަހަރުއެވެ.

މީގެ ކުރިން މާލެ އިންޓަނޭޝަނަލް އެއާޕޯޓާއި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓުގެ ނަމުގައި ހިންގި މި އެއަޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ރީބްރޭންޑް ކުރީ މިއަހަރު ފެށުމާ އެކުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރުކާރުން ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަމުން އަންނަ ތަނެކެވެ. އެގޮތުން އެތަނުގައި ދެވަނަ ރަންވޭއެއް އަޅައި، މިހާރަށް ވުރެ ހަލުއިކޮށް ފްލައިޓް އޮޕަރޭޝަންސްގެ މަސައްކަތް ކުރަމުންދާ އިރު، އެތަނުގައި އާ އިންޓަނޭޝަނަލް ޓާމިނަލެއްވެސް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ އަހަރަކު ފަސް މިލިޔަން މީހުންނަށް ޚިދުމަތްދެވޭ ތަނަކަށް ވެލާނާ އެއާޕޯޓު ހަދައިދޭނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ހެދިގެން ދާނެ ކަމަށެވެ.