މީގެ ޒަމާންތަކެއް ކުރިން، 1857 ވަނަ އަހަރު އުތުރު ހުޅަނގު އިންޑިއާ އިން ރާއްޖެ އައި ވޯރާ ވިޔަފާރިންގެ ދިވެހިންގެ ވިޔަފާރިތައް ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް ނެގި އެވެ. ނަތީޖާއަކަށްވީ އެމީހުން ދީގެން ކައިގެން ބޮއެގެން އުޅެންޖެހުމެވެ. އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔަން ފެށި އެވެ. އިގްތިސާދު އަތްދަށު ލައިގެންނެވެ.

ދިވެހި އިގްތިސާދު ހިސޯރުކޮށް ވޯރާއިން ހިންގި އެވިޔަފާރިތަކުގެ ސަބަބުން ދިވެހީން އަޅުވެތިކަން އިހުސާސް ކުރަންޖެހުނެވެ. އެއީ މީގެ 163 ވަރަކަށް އަހަރު ކުރި ކަމަށްވާ އިރު އެކަން ތަކުރާރުވާ މަންޒަރު މިހާރު އަނެއްކާ ވެސް ފެންނަން ފަށައިފި އެވެ. ފުޅާދާއިރާއެއްގައި އުތުރު ކަރައިގެ ވިޔަފާރިވެރިން ހަމަ އެފަދަ ވިޔަފާރިކޮށް ރާއްޖޭގެ ވިޔަފާރިތަކުގެ ކޮންޓުރޯލް ނަގަން ފަށައިފި އެވެ.

ވޯރާއިން ފަރާތުން އަރުވާ ވެދުން ހިފައިގެން ދިޔަ ވަފުދު: ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ވޯރާއިން ރިޝްވަތު ވެސް ބެއްސެވި--

ވިޔަފާރި ދިވެއްސެއްގެ ނަމުގައި، ފައިދާ ބޭރު މީހުންނަށް

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދޭ ގޮތުގައި މިއަދު ވެރިރަށް މާލެގައި އިންޑިއާ މީހުން އިސްވެ ތިބެ ހިންގާ 18 އަށް ވުރެ ގިނަ ފިހާރަ އެބަހުއްޓެވެ. އެފިހާރަތައް ހުރީ ދިވެހިންގެ ނަންނަމުގަ އެވެ. މަސައްކަތު މީހުންނަށް ގިނައިން ބަނގުލަދޭޝް މީހުންނެވެ. ވިޔަފާރީގެ މައިމީހާއަކީ އިންޑިއާ މީހެކެވެ.

ދިވެހިން ބައިވެރިކުރަނީ ދިވެހިންގެ ނަމުގައި ނޫނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ނުކުރެވޭތީ އެވެ. ނަމަވެސް އެވިޔަފާރީގެ ފައިދާ އޮތީ ބޭރު މީހުންނަށެވެ. ވިޔަފާރީގެ ރަޖިސްޓްރީ އޮންނަ ދިވެހި މީހާ އަށް ދެނީ މަހަކު ކުޑަ ފައިސާކޮޅެއް ނޫނީ އެވިޔަފާރީން ރަނގަޅު ވަޒީފާއެކެވެ.

އިންޑިއާގެ ވިޔަފާރިވެރިން ކޮންޓުރޯލް ކުރާ ބާވަތްތަކުގައި ގިނައީ ތަރުކާރީ އާއި ބިހާއި އަލުވި، މުގު، ފަދަ އާންމު ކެއިންބުއިމުގައި ބޭނުންކުރާ ތަކެއްޗެވެ. އަދި ހިފާގެންގުޅޭ ސާމާނު ހިމެނެ އެވެ. ހާއްސަކޮށް އިންޑިއާ އިން އެތެރެކުރާ ތަކެތީގެ ކޮންޓުރޯލް އޮތީ އެމީހުންގެ އަތުގަ އެވެ.

ފިހާރަތަކަށް ބާރުބޮޑުވެ، މަގުތައް ތޮއްޖެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިންޑިއާ އިން އެތެރެކުރާ ތަކެތީގެ ކޮންޓުރޯލެއް ނެތް ދިވެހިން އަތަކު، އެމީހުންނަށް ފަސޭހަ ވީމަ ނުވެސް ދޭނެ އޭގެ ކޮންޓުރޯލްއެއް، ގިނަ އެއްޗެހި އިންޑިއާ އިން ގެންނަ އިރު އެގައުމުން އެތެރެކުރާ ތަކެތީގެ ކޮންޓުރޯލް އޮންނާނީ އެމީހުންގެ އަތުގައި،" ކަމާ ބެހޭ ދައުލަތުގެ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ދިލްބަހާރު މަގަކީ އެގޮތުން އެންމެ ފުޅާކޮށް ވިޔަފާރިތައް ހިންގާ ފިހާރަތައް ހުރި މަގެވެ. އިލެކްޓުރޯނިކް ސާމާނުން ފެށިގެން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި އާންމު ކާބޯތަކެތި ވެސް ވިއްކަ އެވެ.

ބައެއް ބިދޭސީން ވިޔަފާރި ކުރުމަށް ޓަކައި ދިވެހިންނާއި ކައިވެނިކޮށްގެން ވެސް އުޅެ އެވެ. އެއާ އެކު ރާއްޖޭގައި ވިޔަފާރިކޮށް އުޅުމުގެ ހުއްދަ އާއި ވިސާ ފަދަ ކަންކަން ފަސޭހައިން ހަމަޖެހިގެންދެ އެވެ.

ގިނައިން ކުރަނީ ހޯލްސޭލް

އިންޑިއާގެ ގިނަ ބަޔަކު ރާއްޖޭގައި ވިޔަފާރިކުރާ އިރު ބޮޑަށް ފާހަގަ ކުރެވެނީ ހޯލްސޭލް ވިޔަފާރީގައި އެމީހުން ހަރަކާތްތެރިވާ ކަމެވެ. ރާއްޖޭގެ ކަންމަތީ ފިހާރަތަކަށް މުދާ ހޯލްސޭލްކުރާ ބާޒާރު މަތީ ފިހާރަތަކަށް މުދާ ހޯލްސޭލްކޮށް ގެންގޮސްދޭ މީހުންގެ ތެރޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނެ އެވެ.

ބާޒާރުމަތި ތިޔާގި ވުން: ބައެއް ބާވަތްތަކުގެ އަގުވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެމީހުން އަންނަނީ ފިހާރަތަކަށް އައިސް އޯޑާ ނަގަނީ، ދެން ސަޕްލައިކޮށްދީ ހުރިހާ ކަމެއް އެމީހުންކޮށްދޭ. އެމީހުން ވަރަށް ގިނައިން ފިހާރަތަކަށް އައިސް ބަލާހަދާ، އަދި ގިނަ އައިޓަމް އެމީހުން ގެންގުޅޭ،" ފިހާރައެއްގެ ވެރިއަކު އެކަން ހިނގާ ގޮތް ކިޔައިދެމުން ބުންޏެވެ.

ވެރިރަށް މާލެއަށް ބަލާއިރު ރީޓެއިލް ގިނަ ފިހާރަތަކަކީ ބިދޭސީންގެ ބެލުމުގެ ދަށުގައި ހުރިތަންތަނެވެ. ސޭޓުން ފެށިގެން މުދާ ގެންނަން ވެސް ތިބީ ބިދޭސީންނެވެ. އެހެންކަމުން ބިދޭސީންނާއި ބިދޭސީންނާއި ދޭތެރޭ އޮންނަ ގުޅުމުގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ނުދީ ބިދޭސީންގެ އަތުން ވިޔަފާރި ކުރުމަކީ އާންމު ކަމެކެވެ.

ގައުމީ ސަލާމަތަށް އޮތްނުރައްކަލެއް

ދިވެހި ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިދޭސީން ރާއްޖޭގެ އިގްތިސާދުގެ ކޮންޓުރޯލް ނެގުމަށް މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓުރޯލް ނަގަމުން އަންނަކަން ފާހަގަކުރެވެ އެވެ. އެއީ އެމީހުންގެ ނުފޫޒް ވަރުގަދަ ކުރުމަށް ދުރާލާ ރޭވިގެން ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ދުރަށް ރާވައިގެން ކުރާކަމެއް، 10 ވަރަކަށް އަހަރު ތެރޭ މުޅި ވިޔަފާރިތަކުގެ ކޮންޓުރޯލް ނެގުމަށް، އެވިޔަފާރިތަކުގެ ތެރެއިން އެސަރަހައްދެއްގެ މީހުންގެ އުޅުން ބެލޭނެ، ހަމަ އެހެންމެ މިސާލަކަށް އިލެކްޓުރޯނިކް ފިހާރަ ނޫނީ ފޯން މަރާމާތުކޮށްދޭ ފިހާރަތައް ހިންގާއިރު އެކިއެކި ސޮފްޓުވެއާތައް ބޭނުންކޮށްގެން ފޯންތަކުގެ ޑޭޓާތައް ކަލެކްޓްކުރެވޭނެ، މިއީ ބިދޭސީން އިސްވެ ތިބެ ކުރާ ވިޔަފާރިތަކުން ހޯދާނެ ފައިދާ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަމަށް ޖާސޫސް ކުރުމަށް ވިޔަފާރީގެ ތެރެއިން ކަންކަން ކުރަން ވަރަށް ފަސޭހަ ވާނެ އެވެ. ވިޔަފާރީގެ ގޮތުން ގުޅިގެން ގައުމީ ކަންކަމަށް ބަސް ކިޔޭނެ އެވެ. އިންވެސްޓްމަންޓް ހިމާޔަތް ކުރުމަށް ރިޝްވަތު ދިނުމަކީ ކޮށް އުޅޭކަމެކެވެ. ވޯރާ ވިޔަފާރިވެރިންގެ ޒަމާނުގައި އޭރުގެ ރަދުންނަށް ކަޅު ފައިސާ ދީގެން އެރަދުން ވެސް ގަނެލި އެވެ.

ބާޒާރުމަތީ ފިހާރައެއްގެ ތެރެ، -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެހެންމެ އާންމު ކާބޯތަކެތީގެ އަގުތައް ބޭނުންގޮތަކަށް ކޮންޓުރޯލްކޮށް ރާއްޖޭގެ ބާޒާރުގެ ތަކެތީގެ އަގު ބޮޑުކޮށް ރައްޔިތުންގެ ހަރަދު ބަރަދު ބޮޑުކޮށްލުމަކީ ފަސޭހަ ކަމަކަށް ބިދޭސީންނަށް މިހާރު ވެގެންދާނެ އެވެ. އެއީ ވެސް ފުރިހަމަ މިނިވަންކަމެއް ދިވެހީންނަށް ގެއްލޭ ސަބަބެކެވެ.

ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު އިނާޒް ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ގިނަ ވިޔަފާރިތަކަށް ބަރޯސާވާ ނިޒާމެއްގެ ތެރެއިން ހަރަދުތައް ދެކޮޅު ޖެއްސިގެންނެވެ.

"އެހެން ދައުލަތަކަށް ބަރޯސާނުވެ އެހެން ގައުމަކަށް ނޫނީ އެހެން މިސާލަކަށް މަލްޓިނޭޝަނަލް ބޮޑެތި ކުންފުނިތަކަށް މުޅި އިގްތިސާދު ބަރޯސާނުވެ ވީހާ ވެސް ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ ތެރެއިން ޚަރަދުތައް ބެލެހެއްޓޭ ނަމަ އެހެން ގައުމަކަށް ބަރޯސާވާން ނުޖެހޭނެ،" އިނާޒް ވިދާޅުވި އެވެ.

ފަހުގެ ތާރީހެއްގައި ވެސް އެފަދަ ނުރައްކަލެއް ރާއްޖެ އިން ފެނިގެން ދިޔަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރުމާ އެކު މިސްރާބު ނުބައި ދިމާލަކަށް ދިޔަތަން ފެނުނެވެ. ހުޅުލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ބޮޑެތި ވިޔަފާރީން ދިވެހިން ބާކީވެ، ވަކި ގައުމެއް ގަދަކުރަން އުޅުނުތަން ފެނިގެން ދިޔަ އެވެ. އެ އެއްބަސްވުން އުވާލަން ޖެހުނު މައިގަނޑު ސަބަބަކަށް ވެސް ރާއްޖޭގެ މައި ދޮރާށީގެ ސަބަބުން އިގްތިސާދަށް ލިބިދާނެ ގެއްލުން ހިމެނުނެވެ.

ކު ބާޒާރުމަތި ތިޔާގި ވުން: ބައެއް ބާވަތްތަކުގެ އަގުވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންވެސްޓްމަންޓަށް މަރުހަބާ، އަޅުވެތިކަމަށް ނޫނެކޭ

ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ތައްމިނަށް ދޭން ޖެހެ އެވެ. ކުރި އެރުން ލިބޭނީ އެގޮތުގަ އެވެ. އެހަނަސް ވަކި ބައެއްގެ ކޮންޓްރޯލް މުޅި އިގުތިސާދަށް ފޯރާ ގޮތަށް އެކަން ކުރާ ނަމަ، ނުވަތަ ކުރެވޭ ނަމަ އެކަމާ ދޭތެރޭ ދެ ވަނަ ނަޒަރިއްޔާތަކުން ވިސްނާލަން ޖެހެ އެވެ.

ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ބަޔަކަށް ހިސޯރު ކުރުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ހަދަން ޖެހޭ ގަވައިދުތައް ހަދައި ތަންފީޒު ކުރަމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.

"ވިޔަފާރިއާ ގުޅޭ ކަންކަން ބަލަހައްޓާ އިދާރާއެއްގެ ހައިސިއްޔަތުން ނުގަވައިދުން ކަމެއް ހިނގަމުންދާ ނަމަ އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފި ނަމަ އެކަމާ ގުޅޭ ގަވައިދެއް ތައްޔާރުކޮށް ތަންފީޒު ކުރާނަން،" ވިސާމް ވިދާޅުވި އެވެ.

ކޮންމެ އަކަސް ފެންނަން ފަށާފައި މިވަނީ ނުރައްކާތެރި ސިގުނަލްއެކެވެ. ޖިއޯ ޕޮލިޓިކްސްގެ ތެރެއިން އެއްގައުމުން އަނެއްގައުމަށް އަތްގަދަ ކުރުމަށް މިހާރު ބޭނުން ކުރާ އެއް ވަސީލަތަކީ އިގްތިސާދީ އަޅުވެތިކަމެކެވެ. ރާއްޖޭގެ ވިޔަފާރިތަކުން ބިދޭސީންގެ އަތްގަދަކަން ވަރަށް ބޮޑަށް މިވަނީ ފެންނަން ފަށައިފަ އެވެ. އަވަހަށް ހުއްޓުވަން ޖެހެ އެވެ. ނުރައްކާ ވަރަށް ބޮޑެވެ.