09 Jul 2017, 09:42
ސުޒުކީ ވިލި މުއައްސަސާ ކަޕްގައި ޓީމް އެމްޓީސީސީ، ފުލުހުންނާއި ސިފައިންނާ އެކު ވަރުގަދަ ގްރޫޕެއްގައި ހިމެނިއްޖެ އެވެ.
ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ޔުނިޓާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވިލިމާލެ ފުޓްސަލް ދަނޑުގައި ބާއްވާ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު އެމްޓީސީސީ ވިލިމާލެ އޮފީހުގަ އެވެ.
އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އޮފިޝަލުން ގުރުނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އިރު، މުބާރާތުގައި ބައިވެރިވި ނުވަ ޓީމު ދެ ގްރޫޕަކަށް ވަނީ ބަހާލައިފަ އެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގުރުނެގުމުގެ ރަސްމިއްުޔާތުގެ ތެރެއިން: އެ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ އެންޓޮމް
ވިލި މުއައްސަސާ ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ ޓީމް އެމްޓީސީސީ އާއި ޔޫތު މިނިސްޓްރީ އާއި ސިފައިންނާއި ފުލުހުން އަދި ދިރާގެވެ. ގްރޫޕް ބީގައި ހިމެނެނީ ސްޓެލްކޯ އާއި ޓީމް ހައުސިން އާއި މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާ އެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. މުބާރާތް ހުޅުވާ މެޗުގައި ބުރާސްފަތި ދުވަހުގެރޭ 8:30ގައި ބައްދަލުކުރާނީ ޓީމް އެމްޓީސީސީއާއި ފުލުހުންނެވެ. އެ މެޗަށް ފަހު އެ ދުވަހުގެރޭ 9:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫތު މިނިސްޓްރީ އާއި ސިފައިންނެވެ. އެ ދެ މެޗަކީ ވެސް ގްރޫޕް އޭގެ ދެ މެޗެވެ.
މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީ ވިލިމާލެ ޔުނިޓްގެ މެނޭޖަރު މުޖާޖް މުހައްމަދު (މުޖާ) ވިދާޅުވީ، މުބާރާތް ފޯރިގަދަވާން ޖެހޭނެ ކަމަށާއި އެކަމަކު މުބާރާތް ގެންދަންވާނީ އެއްވެސް މައްސަލައެއްނެތި ކަމަށެވެ. އަދި އެގޮތަށް ހުރިހާ ޓީމެއް ވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީ ވިލިމާލެ ޔުނިޓްގެ މެނޭޖަރު މުޖާ، ވިލި މުއައްސަސާ ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އޮފިޝަލުންނާ ވާހަކަދައްކަވަނީ: އެ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ އެންޓޮމް
މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ޖިނާހު (ޖިނާ) ވަނީ ގުރުނެގުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ އޮފިޝަލުންނަށް މުބާރާތުގެ ގަވާއިދަށް ގެނެވުނު ކުދި ބަދަލުތަކެއްގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީ ވެސް ވަނީ އައްޔަންކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން ހިމެނުނު މުޖާއާއި ރެފްރީ އިސްމާއިލް މުހައްމަދުގެ އިތުރުން ދެން ކޮމިޓީއަށް ނަގާފައިވަނީ ޓީމުތަކުން ހުށަހެޅި ތިން ފަރާތެކެވެ. އެގޮތުން ކޮމިޓީގައި ހިމެނުނު އިތުރު ތިން މެންބަރުންނަކީ ހައުސިން މިނިސްޓްރީގެ ޝާމްއާއި މޯލްޑިވް ގޭސްގެ އިބްރާހިމް ރިމްޝާދު އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޝަމީމެވެ.
ވިލި މުއައްސަސާ ކަޕްގައި ވާދަކުރާ ޔޫތު މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއަކީ ކްލަބު އެމްޓީސީސީގެ ހާއްސަ ދައުވަތަކަށް ބައިވެރިވި ދެ ޓީމެވެ.
އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

ވިލި މުއައްސަސާ ކަޕް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖިނާ ޓީމުތަކުގެ އޮފިޝަލުންނަށް މައުލޫމާތުދެނީ: އެ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވޭ --- ފޮޓޯ/ އެންޓޮމް
ޗެމްޕިއަން އަދި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާ އާއި، ފެއާޕްލޭ ޓީމު އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޮވުމަށް ހަމަޖެހިފައިވެ އެވެ.
މިއީ އެ މުބާރާތް ބާއްވާ ފުރަތަމަ އަހަރުކަމުގައިވީ ނަމަވެސް، މުބާރާތަށް ލިބޭ ތަރުހީބަށް ބަލާފައި ކޮންމެ އަހަރަކު ވެސް އެ މުބާރާތް ކުރިއަށްގެންދާނެ ކަމަށާއި ކޮންމެ އަހަރަކު ވެސް ފައިސާގެ އިނާމުތައް ބޮޑުކުރަމުން ގެންދާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ.
ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސް އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާ އެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމް އެވެ.