ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހުފޫޒު ސައީދުގެ ފޯނު ހިފަހައްޓައި، އެ ދެ ބޭފުޅުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުފޫޒު ވިދާޅުވީ އެ ދެ ބޭފުޅުންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގަނީ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބުނުގޮތް ކިޔައިނުދިނުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ތިން ތުހުމަތެއްކޮށްފައިވާ ކަމަށާއި އެ ތުހުމަތުތަކަކީ ސައްޙަ ނޫން މައުލޫމާތު ފެތުރުރި ކަމުގެ ތުހުމަތާއި ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގެ އިތުރުން ގާނޫނުގެ ބާރު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށެވެ.

އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް ފުލުހުންގެ އިދާރާ އަށް ވަކީލުން ފޮނުވި ސިޓީއާ ގުޅިގެން މައުލޫމާތު ސާފުކުރަން މީގެކުރިން ވެސް އެ ދެ ބޭފުޅުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

މަހުފޫޒު ވިދާޅުވީ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް ފުލުހުން ބުނާއިރު، އެ މައްސަލަ ތަހުގީގުނުކޮށް އެހެން ނުބުނެވޭނެ ކަމަށެވެ. އެ މައުލޫމާތު ހޯދުމަށްވުރެ މިހާރު ފުލުހުން އިސްކަންދޭންޖެހޭނީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ އެ ދެ ބޭފުޅުންގެ ފޯނު ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.

އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ވިދާޅުވީ ކުރިންވެސް ފާހަގަކުރިފަދައިން އެ މައުލޫމާތު ލިބުނީ ފުލުހުންގެ ތެރެއިން ކަމަށާއި އަދީބަށް ވަފާތެރި ބަޔަކު ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށެވެ. ނަމަވެސް އެމީހުންގެ ރައްކާތެރިކަމަށްޓަކައި އެއީ ކޮން ބައެއްކަން ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ވަކީލު މަހުފޫޒު ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށަހަޅާއިރު، މައުލޫމާތު ލިބުނުގޮތް ހާމަކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށެވެ.