ރާއްޖޭގައި ފަހަކަށް އައިސް ވައްކަން ކުރުމާއި މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްކުރުން އިތުރުވަމުން އަންނަ ކަން ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން ]އެޗްއާރުސީއެމް[ އިން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅި، ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެފަދަ ކުށްތައް ކުރުން ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން މަގުމަތީގައި ހިންގާ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ ކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރެކޯޑްތަކުން ދައްކާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ހަމަނުޖެހުންތަކުގައި މީހުން މަރުވެފައިވާ އަދަދުތައް ހިމަނައިގެން އެ ރިޕޯޓްގައި ހާމަކޮށްފައިވާ ޓޭބަލްގައިވާ ގޮތުން 2007 ވަނަ އަހަރު އެފަދަ ހާދިސާތަކުގައި ފަސް މީހުން މަރުވެފައިވާ އިރު 2008 ވަނަ އަހަރު ހަ މީހުން، އަދި 2009 ވަނަ އަހަރު އަށް މީހުން މަރުވި އެވެ. ނަމަވެސް 2010 ވަނަ އަހަރު އެއަދަދު އުޅެނީ ހައެއްގަ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނެފައި ވަނީ މިއަދަދުތަކަކީ މަދު އަދަދުތަކެއް ނަމަވެސް މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަތީ އަދަދުތަކެއް ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މީހުން މެރުމުގެ ހާދިސާތައް ހިންގާފައި ވަނީ ރޯމާ ދުވާލު މަގުމަތީގައި ކަމަށާއި އެފަދަ ކުށްތައް އާއްމުކޮށް ކުރަނީ އެއްބައެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އަދި މިއީ ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ ނިޒާމް ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެރިޕޯޓްގައިވެ އެވެ.

އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނެފައި ވަނީ ގޭންގް މާރާމާރީތަކުގައި މީހުން މަރުވުމުގެ އިތުރުން މީހުންގެ ގުނަވަންތައް ވެސް ގެއްލިފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ރާއްޖޭގައި ކުށްކުރުން އިތުރުވުމުގައި ސީދާ ސަބަބުތަކަކާ ނުދީސާ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެކަށީގެންވާ ގާނޫނުތައް ނެތުމުން ކްރިމިނަލް ޖަސްޓިސް ސިސްޓަމް ބަލިކަށިވުމަކީ ކުށްކުރުން އިތުރުވުމަށް މެދުވެރިވާ ސީދާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

"ކުށްކުރުން އިތުރުވުމަށް މެދުވެރިވާ ބައެއް ސީދާ ސަބަބުތަކަކީ ރާއްޖޭގެ އެކަށީގެންވާ ގާނޫނުތައް ނެތުމުން ކުށްކުރުން އިތުރުވުމަށް މެދުވެރިވާ ސީދާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވެ އެވެ. އެގޮތުން މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތު ]ޕީނަލް ކޯޑް[ އަކީ މިހާރުގެ ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ހެދިފައިވާ ގާނޫނުލް އުގޫބާތެއް ނޫނެވެ. އެހެނީ އެގާނޫނުލް އުގޫބާތު އެކުލަވާލާފައި ވަނީ 1981 ވަނަ އަހަރު އެވެ. އަދި އެއަށް އެންމެ ފަހުން އިސްލާހެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރު އެވެ،" އެޗުއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ހެއްކާ ބެހޭ ރަނގަޅު ގާނޫނެއް ނެތުމުގެ ސަބަބުން ކޯޓްތަކުން ފޮރެންސިކް ހެކި ގަބޫލުނުކުރުމާއި ހެކިން ހިމާޔަތްކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައި ނެތުމަކީ ވެސް ކުށްކުރުން އިތުރުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ރިޕޯޓްގައިވެ އެވެ.

ވަޒީފާނެތް ޒުވާނުން ގިނަވުމާއި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ގިނަވުމަކީ ގޭންގް ކުށްތައް އިތުރުވުމުގެ ނުސީދާ ސަބަބެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވާފައިވާ ރިޕޯޓްގައި އަންހެނުންނާ މެދު ރާއްޖޭގައި ކުރެވޭ ތަފާތުކުރުންތަކާއި އަންހެނުންނަށް ކުރާ އަނިޔާއާ ބެހޭ ގޮތުން ވެސް ވަރަށް ދިގުކޮށް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން ކުރެ އެކަކަށް އެމީހުންގެ އުމުރުން 15 އަހަރާ 45 އަހަރާ ދެމެދުގައި ކޮންމެވެސް އަނިޔާއަކާ ކުރިމަތިލާން ޖެހިފައިވާކަން 2006 ވަނަ އަހަރު އޭރުގެ ޖެންޑާ މިނިސްޓްރީން ކުރި ސާވޭއަކުން ހާމަވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މިދިޔަ ތިން އަހަރު އެފަދަ ކުށްތައް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށައަޅާފައިވާ ގޮތުގެ ތަފާސް ހިސާބުތައް ހިމަނާފައިވެ އެވެ.

ހިސާބުތައް ދައްކާ ގޮތުން އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ 455 މައްސަލަ 2008 ވަނަ އަހަރު ހުށައަޅާފައިވާ އިރު 2009 ވަނަ އަހަރު އެފަދަ 563 މައްސަލަ އަދި 2010 ވަނަ އަހަރު އެފަދަ 523 މައްސަލަ ހުށައަޅާފައިވެ އެވެ. އަދި އަންހެނުންނަށް ކުރާ ގެވެށިއަނިޔާގެ 172 މައްސަލަ 2008 ވަނަ އަހަރު ހުށައަޅާފައި ވާއިރު 2009 ވަނަ އަހަރު އެފަދަ 156 މައްސަލަ އަދި 2010 ވަނަ އަހަރު 135 މައްސަލަ ރެކޯޑްކުރެވިފައިވެ އެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ވަކިވަކި ތިން މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު ސ. ހިތަދޫގައި އުމުރުން 19 އަހަރުގެ ފިރިހެނަކު އުމުރުން 74 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލަ އާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޏ. ފުވައްމުލަކުގައި އަންހެނެއްގެ ފިރިމީހާ ބަނދެފައި ބަޔަކު އަންހެނަކު ރޭޕްކުރި މައްސަލަ އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަމަ އެ އަހަރު މާޗް މަހު ސ. ހިތަދޫގައި 15 ފިރިހެނުން ވެގެން އަންހެނަކު ރޭޕްކުރި މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.