08 Jul 2017, 15:26
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލެ ޔުނިޓާ ގުޅިގެން ވިލިމާލޭގެ އޮފީސް/ކުންފުނިތަކަށް އަމާޒުކޮށްގެން ބޮޑު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
'ސުޒުކީ ވިލި މުއައްސަސާ ކަޕް'ގެ ނަމުގައި ބާއްވާ އެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވިލިމާލޭ ފުޓްސަލް ދަނޑުގައެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާއިރު، ޖުމްލަ ނުވަ ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. އެ ޓީމުތަކަކީ ޓީމް ހައުސިންއާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، ކްލަބު އެމްޓީސީސީއާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިލިނގިލީ ޔުނިޓާއި، މުހިއްދީން ސްކޫލާއި، ދިރާގާއި، ސްޓެލްކޯ އަދި މޯލްޑިވް ގޭސްއެވެ.
އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ޗެމްޕިއަން އަދި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި، އެންމެ މޮޅު ކުޅުންތެރިޔާއާއި، ފެއާޕްލޭ ޓީމު އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.
މިއީ އެ މުބާރާތް ބާއްވާ ފުރަތަމަ އަހަރުކަމުގައިވީ ނަމަވެސް، މުބާރާތަށް ލިބޭ ތަރުހީބަށް ބަލާފައި ކޮންމެ އަހަރަކު ވެސް އެ މުބާރާތް ކުރިއަށްގެންދާނެ ކަމަށާއި ކޮންމެ އަހަރަކު ވެސް ފައިސާގެ އިނާމުތައް ބޮޑުކުރަމުން ގެންދާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އެ މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ޖިނާހު (ޖިނާ) ވިދާޅުވީ، އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުން ހިމެނޭ ކަމަށެވެ.
އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.