ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ގްރީން ސްޓްރީޓް މިހާ ހިސާބަށް އައިސްދާނެ ކަމަށް އެއްވެސް ބަޔަކު އުންމީދު ނުކުރާ ކަމަށާއި ނަމަވެސް ލީގުގައި ޖުމުލަ 18 ޕޮއިންޓް ހޯދައި އުންމީދު އައު ވުމަށް ފަހު ޕްރިމިއާ ލީގަށް ކޮލިފައިނުވެ ފެއިލްވާން ބޭނުން ނުވާ ކަމަށް އެޓީމްގެ ޒުވާން ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ބުނެފި އެވެ.

މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ގްރީން ސްޓްރީޓް ނުކުންނަ މެޗާ ގުޅޭ ގޮތުން ސޮބާ ބުނީ ލީގުގައި މާޒިޔާ ނޫން އެހެން ހުރިހާ ޓީމެއްގެ އަތުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށާއި އެހެން ކަމުން އޭނާގެ ޓީމަށް މިހާތަނަށް އައި އިރު ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޒުވާން ކޯޗް ބުނީ އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށާއި މެޗު ފެށިގެން ނިމެންދެން ވެސް މަސައްކަތް ކުރާނީ ތިން ޕޮއިންޓް ހޯދަން ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ ގްރީން ސްޓްރީޓް ކުޅުންތެރިން ތިބީ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދިޔުމުގެ އުންމީދުގައި ކަމަށާއި މަސައްކަތް ކުރަނީ ވެސް އެހެން ކަމަށެވެ.

ގްރީން ސްޓްރީޓް މުހިއްމު ތިން ޕޮއިންޓް ހޯދަން މިރޭ ނުކުންނަ އިރު މިވަގުތު އެޓީމް އޮތީ ތާވަލްގެ ހަތަރު ވަނަ މަގާމްގަ އެވެ.