08 Jul 2017, 14:39
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ލިޔުންތައް ނުފެނުމުން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަން ޗިޓް ފޮނުވައިފިއެވެ.
ސައުދާ ގުޅޭގޮތުން އޭސީސީން ތަހުގީގު ކުރާ މައްސަލައަކީ 2011 ވަނަ އަހަރު އޭނާ ވިލިނގިލީ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވިއިރު، ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އެކަމުގެ ތަފްސީލު އަދި ލިބިފައެއްނުވެއެވެ.
ފުލުސް އޮފީހުން ސައުދަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އޭސީސީން ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ވިލިނގިލީ ކައުންސިލުން ހޯދަންޖެހޭ ލިޔުންތައް ހޯދަން ބެލިއިރު، އޭގެތެރެއިން ބައެއް ލިޔުންތައް ހޯދައި ނުފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެ ޗިޓްގައިވާގޮތުން އެ މައްސަލައަކީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ސައުދު ހާޒިރުކުރަނީ އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.
އޭނާ ހާޒިރުކުރަނީ މާދަމާ ރޭ 10:00 އަށެވެ.
ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ "ސިޔާސީ ތުހުމަތު ސީޒަން2 ގެ އެޕިސޯޑް4" ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ވެސް ސައުދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ސައު ވަނީ ތުހުމަތު ދޮގުކުރައްވައި އެކަމަށް އިންކާރު ކުރައްވާފައެވެ.