08 Jul 2017, 15:19
މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގު، އެ އެވޯޑްސްއާ ގުޅުމުން ހާމަވެގެން ދަނީ ދިރާގުން ފަތުރުވެރި ކަމަށްދޭ އަހައްމިއްޔަތު ކަމަށް ދިރާގުން ބުނެފި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރފުވެރި އެވޯޑްސް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ މިރޭ ސަން އަކުއާ ވިލުރީފް ރިސޯޓުގައި ކުރިޔަށް ދާނެ އެވެ.
އެ ހަފްލާގެ ޓެލެކޮމް އަދި ޑިޖިޓަލް ސާވިސެސް ޕާޓްނަރަކީ ދިރާގެވެ.
ދިރާގުގެ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން މިއަދު ސަން އަށް ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާގެ ސްޕޮންސަރަކަށް ދިރާގު ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
"ދިރާގުން މި އެވޯޑުގައި ބައިވެރިވުމަކީ މިކުންފުނިން ރާއްޖޭގެ ފަތުރުވެރިކަމަށް ސަޕޯޓުކޮށް، ފާހަގަކުރުމުގެ ގޮތުން ކުރި ކަމެއް. ދިރާގުން މި ދަނީ ފަތުރުވެރިކަމަށް ޚާއްސަކޮށް ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދެމުން،" މިރުޝާން ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރޭމް ކުކް ވިޑާޅުވީ، ސްޕޮންސަރެއްގެ ގޮތުގައި ދިރާގަށް މަރުހަބާ ކިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ސީރީޒްގައި ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 10 ސަރަހައްދެއްގައި، ސަރަހައްދީ ފެންވަރުގެ ގާލާއެއް ބާއްވައި، އެ ސަރަހައްދުން ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑުދެ އެވެ. އެއަށް ފަހު މުޅި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަރާތްތަކަށް އެވޯޑު ދިނުމަށް ގްރޭންޑް ފިނާލޭ ގާލާއެއް ބާއްވަ އެވެ.
އިންޑިއަން އޯޝަން ގާލާގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މަޑަގަސްކާ، މޮރީޝަސް، ސީޝެލްސް އަދި ރިޔޫނިއަން އައިލެންޑެވެ.
މިރޭ އޮތް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހުށަހަޅައި ދޭނީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރުން މޫސާ ވަސީމް އަދި އައިމިނަތު ލަމްހާ ލަތީފެވެ. ގަލާގައި ދިވެހި ސަގާފީ ނެށުންތަކާއި ހަރަކާތްތަކުގެ އިތުރުން، ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ޚާއްސަ ހުށަހެޅުމެއް ވެސް ފެނިގެންދާނެ އެވެ.