08 Jul 2017, 14:20
ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ގެދޮރު ގަތުމަށްޓަކައި، ޕެންޝަން ފަންޑުން ޑައުންޕޭމެންޓް ހަމަޖައްސައިދޭ އިންތިޒާމުގެ ދަށުން 33 ފަރާތަކަށް ޑައުންޕޭމެންޓް ހަމަޖަހިފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ކުރަން ފެށުމާއެކު ޕެންޝަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންޝަން ފަންޑުގައިވާ ފައިސާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ކޮލަޓަރަލައިޒު ކުރެވޭނެ އިންތިޒާމު ވަނީ ތައާރަފުކޮށްފައެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކްހޯލްޑަރ ރިލޭޝަންސް އިސްމާއިލް ސުޖާއު "ސަން"އަށް ވިދާޅުވީ، މިހާތަނަށް ހައުސިންގް ލޯނުތަކަށް ޑައުންޕޭމެންޓް ދެއްކުމަށްޓަކައި ޕެންޝަން ފަންޑުގެ ފަރާތުން 33 ފަރާތަކަށްް ޑައުންޕޭމެންޓް ހަމަޖެހިފައިވާ ކަމަށެވެ.
ސުޖާއު ވިދާޅުވީ 33 ފަރާތަކަށް އެކަން ހަމަޖެހިފައިވާ އިރު، އިތުރު ފަރާތްތަކެއްގެ އެޕްލިކޭޝަންވެސް މިހަރު ދަނީ ޕްރޮސެސްކުރަމުން ކަމަށެވެ.
މިވަގުތު ޕެންޝަން ފަންޑުން ފައިސާ ކޮލަޓަރައިޒްކޮށްގެން ހައުސިންގް ސްކީމްތަކަށް ފައިސާ ހަމަޖެހޭނީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިންނެވެ.
ޕެންޝަން ފައިސާ ކޮލަޓަރައިޒްކޮށްގެން ލޯނުު ނެގޭ އިންތިޒާމްގެ ދަށުން ލޯނުގެ 20 ޕަސަންޓާ ހަމައަށް ފައިސާ ދެއްކޭނެއެވެ.