18 Jul 2011, 10:59
އަންހެނުންގެ ވޯލްޑްކަޕް މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެމެރިކާ ޕެނަލްޓީ އިން ބަލިކުރުމަށް ފަހު އޭޝިޔާ އަށް ނިސްބަތްވާ ޖަޕާން މުބާރާތުގެ ތަށި ހިތްލާލައިފި އެވެ. ފައިނަލް މެޗް 2-2 ން އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅެމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އެމެރިކާއިންނެވެ. އެމެރިކާއިން މެޗްގެ 69 މިނެޓްގައި ޖެހި މިލަނޑާ އެކު ލީޑްގައި އޮވެވުނީ އެންމެ 10 މިނެޓްގަ އެވެ. މެޗްގެ 80 ވަނަ މިނެޓްގައި އަޔަ މިޔަމާ ވަނީ ޖަޕާނަށް ސަލާމަތްކޮށްދީ ނަތީޖާ ހަމަކޮށްދީފަ އެވެ. މެޗްގެ 90 މިނެޓް ހަމަވި އިރު 1-1 ދެ ޓީމު އެއްވަރުވުމުން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ.
އިތުރު ވަގުތު ކުޅުމުގައި ވެސް ފުރަތަމަ ލީޑް ނެގީ އެމެރިކާއިންނެވެ. އެމެރިކާ އަށް މިމުބާރާތުގައި އެންމެ ފައިދާހުރި ކުޅުމެއްދެއްކި އެބީ ވެމްބެކް 104 ވަނަ މިނެޓްގައި ލީޑް ނަގައިދިންއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ހޮމާރެ ސަވާވަނީ މެޗްގެ 117 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީ އާއި ހަމައަށް މެޗް ގެންގޮސްފަ އެވެ.
އެމެރިކާއިންޖެހި ހަތަރު ޕެނަލްޓީ އިން ދެ ޕެނަލްޓީވަނީ ޖަޕާންގެ ކީޕަރު ދިފާޢުކޮށް އަނެއް ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އެމެރިކާއަށް އެއްޕެނަލްޓީ ކާމިޔާބުވިއިރު ޖަޕާނުންވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޖަޕާނަށް ކާމިޔާބު ނުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އަދި 3-1 ގެ ނަތީޖާއަކު ޕެނަލްޓީއިން މޮޅުވެ ޖަޕާނުން ފުރަތަމަ ފަހަރަށް އޭޝިޔާއަށް ވަނީ ވޯލްޑްކަޕްގެ ތައްޓެއް ހޯދައިދީފަ އެވެ.
މިހާރު ޗައިނާ ވައްޓާލުމަށް ފަހު ޖަޕާނަކީ އޭޝިޔާ ސަރަހައްދުން މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޗައިނާއިން ބައިވެރިނުވި ހަމައެކަނި މުބާރާތުގެ ފައިދާނަގައި ޖަޕާނުންވަނީ ތަށިހިތްލާލާފެ އެވެ. މިމުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޖަޕާނުގެ ހަވާރޭ ސަވާ އެވެ.