ގަތަރުގެ މައްސަލަިގައި މިސްރާއި ސައުދީ ހިމެނޭ ކޯލިޝަންއިން ގުޅުން ކަނޑާލި ކަމުގައި ވިޔަސް ގަތަރުގެ ބޯޓުތައް ސުއޭޒްކެނަލްގެ ތެރެއިން ދަތުރުކުރުން މަނާނުކުރެވޭނެ ކަމަށް ސުއޭޒްކެނަލްގެ އޮތޯރިޓީގެ ޗެއާމަން މޮހާބް މަމިޝް ވިދާލުވެއްޖެ އެވެ.

މޮހާބް ވިދާޅުވި ގޮތުގައި މިސްރުން ގަތަރުގެ ބޯޓުތައް މަނާކުރަން ބޭނުން ވިޔަސް މިސްރުން އަމަލުކުރަމުންދާ ބައިނަލަގްވާމީ އެއްބަސްވުންތަކުގެ ސަބަބުން އެގޮތަކަށް އަމަލުކުރުމުގެ ބާރެއް މިސްރަކަށް ނެތެވެ.

އެެހެންނަމަވެސް ގަތަރުގެ ބޯޓުތައް ސުއޭޒް ކެނެލްތެރެއިން ދަތުކުރާއިރު އެކެނަލްގައި ހިމެނޭ ޕޯޓްތަކާއި އަދި ހާއްސަ އިކޮނޮމިކް ޒޯން ބޭނުންކުރުން މަނާ ކުރެވިދާނެ ކަމަށް މޮހާބު ވިދާޅުވި އެވެ.

ސުއޭޒްކެނަލް އަކީ މުޅި ދުނިޔާގައި ވެސް ހިމެނޭ ކެނެލްގެ ތެރެއިން އެންމެ ބާރުބޮޑު ކެނެލް އެވެ. މުޅި ދުނިޔޭގައި މުދާ އުފުލާ ހެދުމުގައި ކުރެވޭ ދަތުރުތަކުގެ 10 ޕަސެންޓް ހިއްސާކުރަނީ ސުއޭޒްކެނަލު ތެރެއިން ކުރާ ދަތުރުތަކެވެ. މެޑިޓެރޭނިއަން އިން ރަތްކަނޑާ ދެމެދު ކަނޑާފައިވާ މިކެނެލްގެ ސަބަބުން ކުރިން އެފްރިކާ ވަށައިލައިގެން ކުރަމުން ދިޔަ ދިގު ދަތުރުތައް ވަނީ ވަރަށް ބޮޑަށް ކުރުވެފަ އެވެ. ސުއޭޒްކެނަލްއަކީ މިސްރަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ މަގެވެ.

ސައުދީ އަރަބިއްޔާ، ބަހްރެއިން، މިސްރު، ޔޫއޭއީ އިން ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އަދި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ވަނީ ގަތަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފަ އެވެ. އެގޮތުން އެ ގައުމުތަކުން ވަނީ އެއްގަމާއި ވަޔާއި ކަނޑުގެ ހުރިހާ ސަރަހައްދެއް ގަތަރަށް ބަންދުކޮށްފަ އެވެ. އަދި ގަތަރުގެ ރައްޔިތުންނާއި އަދި އެގައުމުގެ ޑިޕްލޮމެޓުން ވަނީ އެގައުމުތަކުން ވަނީ ބޭރުކޮށްލައިފަ އެވެ.

މިދިޔަ ޖޫން މަހު 23 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަދި އަލުން ގުޅުން ގާއިމްކުރުމަށް ޓަކައި 13 ކަމަކަށް ޝަރުތުކޮށް ހުށައަޅައިފަ އެވެ. އޭގެ ތޭރޭގައި މުސްލިމް ބްރަދަހުޑް އަދި ހިޒްބުއްލާއާ ގުޅުން ކަނޑާލުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އޭގެ އިތުރުން ގަތަރުގައި ހުރި ތުރުކީގެ މިލިޓަރީ ބޭސް ބަންދުކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.

ގަތަރުން ވަނީ އެ ހުށަޢެޅުންތަކަކީ ގަތަރުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ މިކަންތަކަށް ފުރަގަސްދީފަ އެވެ.