08 Jul 2017, 14:05
ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފްގެ ކުރިއަށް އޮތް ފިލްމު 'ޖައްގާ ޖާސޫސް' ގައި ގޯވިންދާގެ މަންޒަރެއް ހިމެނޭ ކަމަށް ރިޕޯޓުތައް ފެންމަތިވިއެވެ. އަދި ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެހެން ނަމަވެސް ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ވަނީ ފިލްމުގައި ގޯވިންދާގެ އެއްވެސް މަންޒަރެއް ނުހިމެނޭނެ ކަމަށް ބުނެފައެވެ.
ޚަބަރުތައް ބުނާގޮތުން، ފިލްމު އުފެއްދި ފަރާތުން ވަނީ ގޯވިންދާގެ ސީން އެ ފިލްމުން އުނިކޮށްފައެވެ. އެހެންކަމުން އެ ފިލްމުން ގޯވިންދާ ނުފެންނާނެ އެވެ. އެހެންކަމުން ގޯވިންދާ މިވަނީ ވަރަށް ބޮޑަށް ރުޅިގަދަ ވެފަ އެވެ. އަލުން އެ މަންޒަރު ފިލްމުގައި ހިމެނުމަށް ގޯވިންދާގެ ޓީމުން ވަނީ އަނޫރާގު ބާސޫ ގާތުން އެދިފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އެއާއެކު ގޯވިންދާ މިވަނީ ޓުވިޓާ މެދުވެރިކޮށް ވަރަށް ބޮޑަށް ހިތްހަމުޖެހުން ފާޅުކޮށްފައެވެ. ގޯވިންދާ ބުނީ އެކްޓަރެއްގެ ގޮތުގައި އޭނާގެ ރޯލު ފުރިހަމަ އަށް އަދާކޮށްފައިވާނެ ކަމަށާއި ނަމަވެސް ގޯވިންދާ ސީން ގެނެސްދިން ގޮތާމެދު ޑައިރެކްޓަރު ހިތްހަމަނުޖެހުމުން އޭނާއަށް އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
ގޯވިންދާ ބުނީ އެއްވެސް އަގަކާ ނުލައި އަދި އެއްބަސްވުމެއް ވެސް ނެތި އެ ފިލްމުގައި މަސައްކަތް ކޮށްދިނީ ރަންބީރުގެ ބައްޕަ، ރިޝީ ކަޕޫރަށް ކުރާ އިހްތިރާމެއްގެ ސަބަބުން ކަމަށެވެ.
"އަހަރެން ބަލިވެ އުޅެމުން ވެސް ދެކުނު އެފްރިކާ އަށް ގޮސް ޝޫޓު ކުރީ. އަހަރެން އެއްވެސް އަގެއް ވެސް ނުނަގަން. ކޮންޓްރެކްޓެއް ވެސް ނުހަދަން. އަހަރެން ފިލްމުގައި މަސައްކަތް ކުރީ އެއީ (ރަންބީރަކީ) އަހަރެންގެ ސީނިއަރެއްގެ ދަރިއަކަށް ވުމުން. އަހަރެން ގާތު ބުނީ ފިލްމުގެ ސްކްރިޕްޓު ވެސް ލިބޭނެ ކަމަށް،" ގޯވިންދާ ބުންޏެވެ.
ގޯވިންދާގެ ޓުވީޓުތަކަށް އަނޫރާގް އަދި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް އަނޫރާގް ވަނީ ގޯވިންދާގެ ބައި ފިލްމުން އުނިކުރަން ޖެހުނީ ފިލްމުގެ ވާހަކައަށް އައި ބައެއް ބަދަލުތަކުގެ ސަބަބުން ކަމަށް މީގެ ކުރިން ބުނެފައެވެ.
އަނޫރާގް ބުނީ އޭނާގެ އެދުމަށް ގޯވިންދާ ފިލްމަށް އެއްބަސްވުމުން އެކަމާ އުފާކުރާ ކަމަށާއި ނަމަވެސް ފިލްމުގައި ގޯވިންދާ ނުހިމެނުމަކީ އެމީހުންނަށް ލިބުނު ގެއްލުމެއް ކަމަށެވެ.
މިމަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު ޝޫޓުކޮށް ނިމުނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.