މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި ވިކްޓަރީން ނިއަށް ހަދާއެއްޗެއް ބަލަން ނުތިބޭނެ ކަަމަށް ނިއުގެ އާ ކޯޗް އޮސްކާ ބުރުޒޮން ބުނެފިއެވެ.

ވިކްޓަރީއާ ދެކޮޅަށް މިއަދު ނިއު ކުޅޭ މެޗާ ގުޅޭ ގޮތުން ސްޕެއިންގެ އޮސްކާ ބުނީ ވިކްޓަރީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމަކީ މޮޅު ޓީމެއް ކަމަށެވެ. އަދި ނިއުއާ ވިކްޓަރީ ވާދަކުރާ މެޗަކަށް ނުކުންނައިރު އެ މެޗު ފޯރިގަދަ ވާނެެ ވަރު އޭނާއަށް ވެސް އެނގިފައިވާ ކަމަށާއި އެހެން ކަމުން މިއަދުގެ މެޗުގައި ފުދޭ ވަރެއްގެ ޕްރެޝަރެއް ދެ ޓީމަށްވެސް އެބައޮތް ކަމަށެވެ.

އޮސްކާ ބުނީ ވިކްޓަރީ އެންމެ ފަހުން ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗު އޭނާ ބެލި ކަމަށާއި އެ މެޗުން ފަހު ވަގުތު ވިކްޓަރީ މޮޅުވި ނަމަވެސް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ވިކްޓަރީން ކަމަށެވެ. އެ މެޗުގެ ތަޖުރިބާއަށް ބަލާއިރު ވިކްޓަރީ، ލީގު ތާވަލްގެ ކޮންމެ ހިސާބެއްގައި އޮތް ނަމަވެސް އެ ޓީމް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

މިއަދު ވިކްޓަރީއާ ދެކޮޅަށް ނިއުރޭޑިއަންޓް ނުކުންނައިރު އެޓިމަށް ޕޮއިންޓެއް ހޯދައިގެންވިޔަސް ޕްރިމިއާލީގަށް ކޮލިފައިވުމުގެ ފުރުޞަތު އެބައޮތެވެ. އަދި 18 ޕޮއިންޓާއި އެކު ތާވަލްގެ ފަސްވަނައިގައި އޮތް ވިކްޓަރީން އިތުރަށް ކުރިއަށްދާން ބޭނުންނަމަ މިއަދުގެ މެޗުން ކޮންމެހެންވެސް މޮޅުވާންޖެހެއެވެ.