ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރިމަތިލުމަކީ އަބަދުވެސް ވަރަށް ވާދަވެރިކޮށް ދާނެ ކުރިމަތިލުމެއް ކަމަށާއި މާޒީ ހެކި ދެނީވެސް އެފަދައިން ކަމަށްވާއިރު މިއަދު ހަވީރު މާލޭ ލީގުގައި ކުޅޭ މެޗުގައިވެސް އެ ވާދަވެރިކަން ފެނިގެންދާނެ ކަމަށް ވިކްޓަރީ ގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ނިއު އަކީ ޒަމާންވީ ހަތުރެއް ނޫން ކަމަށާއި ނިއު އަކީ އަބަދުވެސް ވިކްޓަރީ އެންމެ ބޮޑަށް ވާދަ ކޮށްލަން ބޭނުންވާ ޓީމް ކަމަށެވެ.

ސުޒޭން ބުނީ މިއަދުގެ މެޗަށް ވިކްޓަރީ ނިކުންނައިރު އިދިކޮޅުގައި ނިއު އޮތުމަކީ ލިބިގެންދާނެ ހިތްވަރެއް ކަމަށާއި ނިއު އަތުން މޮޅެއް ހޯދުމަކީ އަބަދުވެސް ވިކްޓަރީން ބޭނުންވާނެ ކަމެއް ކަމަށެވެ.

ނިއުގެ އައު ކޯޗު އެ ކްލަބާ ހަވާލުވުމަށް ފަހު ޓީމަށް އެދެވޭ ބަދަލު ތަކެއް އަންނާނެ ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ ނިއު ހުރިހާ ގޮތަކުންވެސް އައު ކޯޗާ އެކު ވަރުގަދަވެ، ކުޅުމުގެ ވަށްޓަފާޅި ބަދަލު ކުރަން މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ވިކްޓަރީއަށް މުހިންމީ ކޮންމެ ގޮތަކުންވެސް ތިން ޕޮއިންޓް ހޯދުން ކަމަށެވެ.

ވިކްޓަަރީގެ އެންމެ ކާމިޔާބު އެއް ކޯޗު ބުނީ ލީގު ތާވަލުގައި ނިއުއަށް ވުރެ ފަހަތުގައި އޮތުމަކީ ޕްރެޝަރެއް ކަމަށާއި އަދި މިއަދުގެ މެޗަކީ ތިން ޕޮއިންޓް ހޯދުން މަޖުބޫރު މެޗެއް ކަމަށެވެ.

ސުޒޭން އިތުރަށް ބުނީ މިއަދު ހަވީރު ކުޅިބަލާ މީހުންނަށް ވަރަށް މޮޅު އަދި ޝައުގުވެރި ފުޓްބޯޅައެއް ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދާނެ ކަމަށެވެ.

މާލޭ ލީގުގައި ނިއު 24 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ވިކްޓަރީ އޮތީ 18 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ. މި ދެޓީމް ވާދަކުރާ މެޗު ފަށާނީ ހަވީރު 16:00 ގައެވެ.