އިނގިރޭސި ކްލަބް އާސެނަލްއިން ނަސްރީ މެންޗެސްޓާ ސިޓީއަށް ގެންދިއުމަށް މެންސިޓީގެ ކޯޗް މަންޗިނީ ރަސްމީކޮށް އިޢުލާންކުރުމާއި ގުޅިގެން އާސެނަލްގެ ކޯޗް އާސީން ވެންގާ އެކަމަށް ނުރުހުން ފާޅުކޮށް މަންޗިނީއަށް ވަރަށްބޮޑަށް ފާޑުކިޔައިފި އެވެ.

އާސެނަލްގެ މެދުތެރޭގައި ކުޅެމުންދާ ފްރާންސްގެ ތަރި ނަސްރީ އާއި އާސެނަލްއާއި ދެމެދު ހެދިފައިވާ އެއްބަސްވުން މިއަހަރު ހަމަވުމާއި ގާތްވެފައިވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުންނާއި މެންޗެސްޓާ ސިޓީއިންދަނީ ނަސްރީ ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ނަސްރީ ގެންދިއުމަށް ބޭނުންވާކަމަށާއި މިމަސް ނިމެންވާއިރަށް ގެންދާނެކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް މަންޗިނީ އިއްޔެވަނީ ހާމަކޮށްފައެވެ.

"ނަސްރީއަކީ މޮޅު ކުޅުންތެރިއެއް. މިމަސް ނިމެންވާއިރަށް ނަސްރީ މެންޗެސްޓާ ސިޓީއާއި ގުޅޭނެކަމުގެ އުންމީދު ބޮޑު." މެންސިޓީގެ ކޯޗް މަންޗިނީ އިއްޔެ ބުންޏެވެ.

އޭޝިޔާއަށް ނިސްބަތްވާ ޗައިނާގެ ގްރީންޓައުންއާއި ދެކޮޅަށް އާސެނަލް ކުޅުނު އެކުވެރި މެޗްގައި 1-1ގެ ނަތީޖާއަކުން އެއްވަރުވީ މެޗަށް ފަހު ވެންގާވަނީ މެންސިޓީގެ ކޯޗް މަންޗިނީގެ ބަސްތަކަށް ނުރުހުން ފާޅުކޮށް ފާޑިކިޔާފަ އެވެ.
"މެންޗިނީގެ އެކޮމެންޓަކީ ހަގީގަތުގައި ފުޓްބޯޅައިގެ ގަވާއިދާއި ޚިލާފަށް ކޮށްފައިވާ ކޮމެންޓެއް. ކްލަބެއްގެ ކޮންޓްރެކްޓެއްގެ ދަށުގައިވާ ކުޅުންތެރިއެއް އެހެން ނުގެންދެވޭނެ. ގެންދިއުމަކީ އެބުނާހާ ފަސޭހަކަމެއްނޫން. އަހަރެން އެކޮމެންޓާ މެދު އެއްވެސް ޖެހިލުމެއްނުވޭ." ވެންގާ ބުންޏެވެ.