މާލެ އަތޮޅުގައި އެކަނިވެސް މިވަގުތު 1.5 ބިލިޔަން ޑޮލަރުގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ސަރަހައްދުގައި ހިނގާ ބައެއް މަޝްރޫއުތައް ބަލާލުމަށް ބޭއްވި ޓުއާއަކަށް ފަހު އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ބުރާސްފަތި ދުވަހު ވިދާޅުވީ، ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކުރި އަދަދަށް ވުރެ ބޮޑެތި އިންވެސްޓްމެންޓް އައިސްފައިވާ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި 500 މިލިޔަން ޑޮލަރު ލިބޭނެކަމަށް ޖަހާފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބުރާސްފަތި ދުވަހު ވިދާޅުވީ މާލެއާއި މާލެ ހިމެނޭ ސަރަހައްދުގައި އެކަނިވެސް ހިނގަމުންދާ މަސައްކަތްތަކަށް ބަލާއިރު، ބޮޑެތި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތައް ފެންނާނެ ކަމަށެވެ.

"މިތަނުގައި ހުރެފައި ދައްކާލެވިދާނެ މި އަތޮޅުގައި ފޮރިން އިންވެސްޓްމެންޓްތައް، އަޅުގަނޑުމެން އެކަށައެޅި ފިގާޒްތައް ބީޓުކޮށްފައި ހުރި މިންވަރު،"

އެގޮތުން، ތައިލެންޑްގެ ސިންހާ އިންވެސްޓްމެންޓްސްއިން އެނބޫދޫފަޅުގައި 750 މިލިޔަންޑޮލަރުގެ މަޝްރޫއެއް ހިނގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ

"އަޅުގަނޑު ބުނި އަދަދު (500 މިލިޔަން ޑޮލަރު) އެންމެ ޕްރޮޖެކްޓަކުން އެ ބީޓު ވީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއާޕޯޓުގައި ހުންނަވައި، މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަންދާޒާކުރި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ އަދަދުތައް ފަހަނަ އަޅައި ގޮސްފައިވާ މިންވަރު މި މަޝްރޫއުތަކުން ފެންނަ ކަމަށެވެ.

މާލޭގެ ދެކުނުން އޮންނަ އެނބޫދޫފަޅުގައި ސިންހާ އިންވެސްޓްމެންޓްއިން ދަނީ ހަ ރަށެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ.

މީގެ އިތުރުންވެސް، ކ. ތުލުސްދޫ ކައިރީގައި ގާތްގަނޑަކަށް 800 މިލިޔަން ޑޮލަރުގެ މަޝްރޫއެއްވެސް ހިނގަމުންދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ކޮން ކުންފުންޏަކުން ހިންގާ ކޮން މަޝްރޫއެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

އެނބޫދޫފަޅުގައި ހިނގަމުންދާ 750 މިލިޔަން ރުފިޔާގެ މަޝްރޫއާއި، ތުލުސްދޫ ކައިރީގައި ހިނގާކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި މަޝްރޫއުގެ އަގު، ޖުމްލަ 1.5 ބިލިޔަން ޑޮލަރަށް ވުރެ ބޮޑެވެ.