08 Jul 2017, 08:55
ދުނިޔޭގައި ދަނޑުގޮވާންކުރާ ގިނަގައުމުތަކެއްގައި ގޮވާންކުރާ ގަސްތަކަށް ދޭ ނުސާފު ފެނުގެ މިންވަރު 50 ޕަސެންޓަށްވުރެ މައްޗަަށް ގޮސްފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
ސައިންސްގެ ދިރާސާތައް މުޅި ދުނިޔޭގައި ކުރާ ކުންފުންޏެއް ކަމަށްވާ އިންސްޓިޓިއުޓް އޮފް ފިޒިސް ޕަބްލިޝިން (އައިއޯޕީ) އިން ނެރުނު ރިޕޯޓެއްގައިވާގޮތުން ދުނިޔޭގައި ދަނޑުގޮވާންކުރާ ދަނޑުބިންތަކުގެ ޖުމުލަ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ގަސްތަކަށްދެނީ ނުސާފު ފެނެވެ. މި ދަނޑުބިންތައް ނިސްބަތްވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ، ޕާކިސްތާން އަދި މެކްސިކޯގެ އިތުރުން އީރާނެވެ.
މޭވާ އާއި ތަކުރުކާރީ ހައްދާއިރު، ނުސާފު ފެން ބޭނުންކުރުމުގެ ސަބަބުން ހެޕަޓައިޓަސްއޭ، ޕޯލިއޯ ވައިރަސް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަމައެހެންމެ ތައިފޮއިޑް ހުން އައުމާއި ބޭރަށްހިނގުމުގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމަށް ތަފާތު އެކި ބަލިތައް އެފަދަ މޭވާ އާއި ތަރުކާރީ ކެއުމުގެ ސަބަބުން ޖެހެއެވެ.

ބޮޑެތި ސަހަރުތަކުން ބޭރުވާ ކުނިއަދި ނުސާފު ފެން ދަނީ ކައިރީގައި ހުންނަ ދަނޑުގޮވާންކުރާ އަވަށްތަކަށް --- ފޮޓޯ: ބީބީސީ
އާންމުގޮތެެއްގައި ދަނޑުގޮވާންކުރުމަށް ބޭނުން ކުރަމުން ދަނީ ބޮޑެތި ސަހަރުތަކާ ކައިރީގައި ހުންނަ އަވަށްތަކުގައެވެ. މިގޮތަށް އަމަލުކުރަނީ ގޮވާންކޮށް އުފައްދާ ކާބޯތަކެތި ފިނިކުރާނެ ތަނެއް ނުހުރުމުގެ ސަބަބުންނާއި ތަރައްގީވެފައިވާ ސިޓީތަކަށް އަވަހަށް އެތަކެތި ގެންދިޔުމުގެ ބޭނުމުގައެވެ. މިފަދަ ގިނަ ސަރަހައްދުތަކުން ބޭރުކުރާ ނުސާފު ފެނުގެ ބޮޑު ބައެއް ދަނީ އެސަހަރުތަކުގެ ވަށައިގެން ހުންނަ އަވަށްތަކަށެވެ.
މިއަވަށް ތަކުގެ ދަނޑުވެރިން މިފެން އެމީހުންގެ ދަނޑު ހެއްދުމަށްޓަކައި ބޭނުން ކުރެއެވެ.
އެ ސަބަބުތަކާ ހެދި ސިއްހަތާ ބެހޭ އެކިއެކި ޖަމްއިއްޔާތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.