ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ރައީސް ކަމުން ބޭރު ނުކުރެވޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރުން އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްގެ 10 މެމްބަރުން ހިމެނޭގޮތަށް ޖުމަލަ 45 މެމްބަރުން ސޮއިކޮށް ވަނީ މަޖިލީހަށް ވައްދާފަ އެވެ.

ސްރީލަންކާގައި ހުންނަވައި 'ސަން' އާ ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ މަސީހާ ދެކޮޅަށް ނަގާ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަތޭކަ ޕަސެންޓް ޔަގީން މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރު ނުކުރެވޭނެ ކަން" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޓީމެއް ސްރީލަންކާއަށް ވަޑައިގެންނެވީ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރު ކުރަން ސޮއި ކުރި އެ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރުމަށް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ ޓެކްނޮލިޖީގެ މި ޒަމާނުގައި ފޯނުން ގުޅެއް އޮއްވައި ސްރީލަންކާއަށް މެމްބަރުންނާ ބައްދަލު ކުރަން ދާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެއޮށް ބޮޑު ސްރީލަންކާއިން ފިލައިގެން އުޅޭ ކަމަށް ބުނާ ބައެއް ހޯދަން އުޅުނަސް ނުހޯދޭނެކަން އިދިކޮޅު ފަރާތްތަކަށް ނުވިސްނެނީތޯ ފަލާހު ސުވާލު އުފެއްދެވި އެވެ.

ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ފަލާހު ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކެމްޕެއިންކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ސިހުރު ހަދާ މީހެއް ކަމަށް ބުނާ އަސޭލާ ވިކްރަމަ ސިންގއާ އެބޭފުޅުން ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަވެސް ފަލާހު ދޮގު ކުރެއްވި އެވެ.