މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރާ ހޮލެންޑްގެ ތަރި ވެސްލޭ ސްނައިޑާ އަށް އެންމެ ފައިދާހުރި ކްލަބަކީ މެން ޔުނައިޓެޑްކަމަށް ހޮލެންޑްގެ ކޯޗް ވޭން މާރވިކް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ސްނައިޑާ ހޯދުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބުނި ނަމަވެސް މީޑިއާ ރިޕޯޓްތަކުން ހާމަވެގެންދާ ގޮތުން މެންޔުނައިޓެޑުން އަންނަ ސީޒަންގެ ތަރިންގެ ލިސްޓްގެ އެންމެ ކުރީގައިވަނީ ސްނައިޑާ އެވެ. މީގެއިތުރުން ހޮލެންޑްގެ ކޯޗް ވޭން މާވިކް ވެސް ގަބޫލުކުރާ ގޮތުގައި ފާގަސަންގެ ކޯޗްކަމުގެ ދަށުގައި ސްނައިޑާއަށް ވަރަށް ފައިދާ ބޮޑުވާނެކަމެވެ.

"މެންޗެސްޓާ އަށް ބަދަލުވުމުން ސްނައިޑާއަށް ވަރަށް ފައިދާކުރާނެ. ރެއާލް މެޑްރިޑުންނާއި އިންޓަމިލާނުން ހޯދުނު ކާމިޔާބީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގައި ސްނައިޑާ އަށް އިތުރު ކާމިޔާބީތަކާއި ހަމައަށް ވާސިލްވެވޭނެ." ކޯޗް ވެން މާރވިކް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން ކުޅެމުންއަންނަ އަންނަ ތަފާތު ކުޅުމާއި ޓްރައިނިންގް ކަންތައްތަކަށް ވޭން މާރވިކް ތާޢީދުކޮށް ސްނައިޑާއަށް މިހުރިހާކަމެއްގެ އަސްލު ހަގީގަތް ކިޔައިދޭނެ ކަމަށް ވެސް ވެން މާރވިކް ބުންޏެވެ.

"މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ތަފާތުގޮތަކަށް ކުޅެމުންދާ ކްލަބެއް. އެކަމާ ހެދި އެމީހުންގެ ކުޅުން އެންމެ މަތީ ފަންތީގައި އުޅެނީ. މެންޗެސްޓާ ޔުނައިޓެޑްގެ ޓްރެއިންގްގެ ކަންތައްތައް ވަރަށް ބަރާބަރު. އަހަރެންގެ ފަރާތުން މެންޗެސްޓާ އާ ބެހޭ ހުރިހާ މަޢުލޫމާތެއް ސްނައިޑާއަށް ދޭނަން." ވެން މާރވިކް ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑްކަޕްގެ ފައިނަލާއި ހަމައަށް ހޮލެންޑް ގައުމީ ޓީމު ދަތުރުކުރިކުރުމުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކޯޗް އިތުރަށް ބުނެފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުމާއި ހޮލެންޑް ޓިމުގެ ކުޅުމާ މާބޮޑު ތަފާތު ތަކެއް ނުޅޭކަމަށެވެ.

"އިންޓަރމިލާން ކުޅޭ ކުޅުމާއި މެންޔުނައިޓެޑްގެ ކުޅުމަށް ބަލާއިރު މެންޔުނައިޓެޑްގެ ކުޅުމުގެ ސްޓައިލް ހޮލެންޑްގެ ކުޅުމާއި ވައްތަރު. ހޮލެންޑަކީ މެންޔުނައިޓެޑް ކުޅޭ ގޮތަށް އަވަސް ބޯޅަތަކެއް މެދުތެރެއަށްލާ ޓީމެއް. އެހެންކަމުން އިންޓަރއަށް ވުރެ މެންޔުނައިޓެޑަށް ކުޅުމުން ގައުމީ ޓީމަށް ވެސް ފައިދާބޮޑުވާނެ." ވެން މާރވިކް ބުންޏެވެ.