17 May 2010, 10:37
14:30
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއެކު ގުޅިގެން، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.
އެ ޤާނޫނަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި އިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި މިކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫން ކަމަށް އެ ޤާނޫނުގައިވެ އެވެ.
ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުމެވެ. އަދި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތާއި، އަތޮޅުތަކުގެ އިދާރީ ދާއިރާތަކުގެ މަރުކަޒީ ރަށް ކަނޑައަޅާނެ ގޮތާއި، އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި އަދި އަތޮޅު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.