ސިއްހަތު ރަނގަޅު ހަށިގަނޑެއް ލިބުމަކީ ތިމާއަށް ލިބޭނެ ރަނގަޅު ނަސީބެއްގެ އިތުރުން ބޮޑު ހިތްހަމަ ޖެހުމެއްވެސް މެއެވެ.

އުމުރުން ދުވަސްވެ މުސްކުޅިވާ ދުވަހު ގައިގަ ވަރުހުރެ ތަފާތުއެކި ކަހަލަ ބަލިތަކުން ތިމާގެ ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުކޮށް ޖިމަށް ދާމީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިފަހަރު މިބަލާލަނީ މިގޮތަށް ޖިމްގެ ވޯކްއައުޓަށްފަހު ގިނަބަޔަކު ކުރާ ނަމަވެސް ކުރުން ރަނގަޅުނޫން ހަތް ކަމަކަށެވެ.

1. ކަސްރަތު ނުވަތަ ޖިމް ސެޝަންއަށް ފަހު އެނާޖީ ޑްރިންކްސް ބުއިން

ގިނަބަޔަކަށް ހީވެފައި އޮންނަނީ އެނާޖީ ޑްރިންކްސް އަކީ ކަސްރަތުކޮށް ކުޅިވަރު ކުޅޭ މީހުންނަށް ޚާއްސަކުރެވިފައިވާ އެފަދަ މީހުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ އެއްޗެއްކަމުގައެވެ.

ނަމަވެސް ހަގީގަތަކީ އެނާޖީ ޑްރިންކްގައި ހަކުރުގެ މާއްދާ އާދައިގެ ފިޒީ ޑްރިންކްސް އާ އަޅާބަލާއިރު ތިންބައިކުޅަ ދެބައި އިތުރެވެ. އަދި މިފަދަ ބުއިންތަކަކީ ހަށިގަނޑަށް ފައިދާކުރާ މާއްދާތަކަށްވުރެން ގެއްލުންދެނިވި މާއްދާތައް ގިނައެއްޗެއް ކަމުގައި އެކިއެކި ނިއުޓްރިޝަނިސްޓުން އިއްތިފާގުވެއެވެ.

2. ކަސްރަތު ސެޝަންތަކަށްފަހު ކާނާގެ ބަދަލުގައި ސަޕްލްމެންޓް ބޭނުންކުރުން

ބައެއްކަހަލަ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނަށް މިފަދަ ސަޕްލްމެންޓްތައް މުހިންމުވީ ކަމުގައިވިއަސް މިއީ ތިމާގެ ކަސްރަތު ނުވަތަ ޖިމް ސެޝަނަށް ބޭނުންކުރަން އެންމެ އެކަށީގެންވާ އެއްޗެއް ނޫނެވެ.

ބައެއް މީހުން ކާނާގެ ބަދަލުގައި ވޯކްއައުޓް ސެޝަންތަކަށްފަހު މިފަދަ ސަޕްލްމެންޓްތައް އިހްތިޔާރުކުރެއެވެ. ނަމަވެސް ރެޖިސްޓާޑް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ރިއަނަން ލެމްބާޓް ވިދާޅުވިގޮތުގައި މިއީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން އެކިކަހަލަ ސައިޑްއިފެކްޓްސް ތަކާ ކުރިމަތިލާންޖެހިދާނެއެވެ.

3. ލޯ-ފެޓް ނުވަތަ ޑައެޓް ކާނާ އިހްތިޔާރުކުރުން

ޒަމާންތަކެއްވަންދެން ގިނަބަޔަކަށް ހީވެފައި އޮތީ ލޯ-ފެޓް ނުވަތަ ޑައެޓް ކާނާއަކީ ތިމާގެ ހަށިގަނޑުގެ ބަރުދަން ލުއިކޮށް ހިކުމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާކަމުގައެވެ. ނަމަވެސް މިފަދަ ކާނާތަކަކީ އޭގައި އާދަޔާ ޚިލާފަށް ހަކުރުގެ މާއްދާތަށް އެކުލެވިގެންވާ އަދި އޭގެ ބޭނުން ހަށިގަނޑަށް އެހާބޮޑަށް ޖެހޭ ކާނާއެއް ނޫނެވެ.

4. 'އަންދާލެވުނު' ކެލޮރީ އަދަދު ނުބައިކޮށް ހިސާބުކުރުން

ގިނަބަޔަކު ވަރުގަދަ ވޯކްއައުޓް ސެޝަންތަކަށްފަހު ގެއަށް ގޮސް އެންމެ ފުރަތަމަ ކުރާ އެއްކަމަކީ ސިއްހަތަށް ފައިދާ ނުކުރާފަދަ 'ހެވީ' ނުވަތަ ޖަންކް-ފުޑް އޭ މިކިޔޭ ބާވަތު ކެއުމެއް ކާލުމެވެ.

އާންމުގޮތެއްގައި މިހެންކަންތައް ކުރެވެނީ ވޯކްއައުޓް ސެޝަންތަކުގައި ވަރަށް ގިނަ އަދަދަކަށް ކެލޮރީ 'އަންދާލެވޭނެ' ކަމަށް ހީވާތީއެވެ. ނަމަވެސް މިއީ އެދެވިގެންވާ ކަމެއް ނޫނެވެ.

މިފަދަ ވޯކްއައުޓް ސެޝަންތަކަށްފަހު ވީހާވެސް ކެލޮރީ ގިނަވާނެ ފަދަ ކެއިންބުއިން އިހްތިޔާރު ނުކުރުމަކީ އެންމެ ފައިދާކުރުވަނިވި ގޮތެވެ.

5. ބަރުދަނާ މެދު މާބޮޑަށް ފިކުރު ކުރުން

ކަސްރަތުކުރާ ނުވަތަ ޖިމަށްދާ ގިނަބަޔަކު ދަނީ ހަށިގަނޑުގައި ހުރި 'ބޭކާރު' މަސްތައް ވިރުވާލާ ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ ނިޔަތުގައެވެ. މިހެންވުމުގެ ސަބަބުން ގިނަބަޔަކަށް އާންމުކޮށް ކުރެވޭ، ނަމަވަސް ވަރަށް ނުރަނގަޅު އާދައެއް އޮވެއެވެ. އެއީ ކޮންމެ ވޯކްއައުޓް ސެޝަނަކަށްފަހު ތިމާގެ ގައިން ލުއިވީ ކިހާމިންވަރެއްތޯ ބެލުމެވެ. މިއީ އެދެވޭ ކަމެއް ނޫނެވެ.

ވިސްނާލަންވީ ތަންކޮޅަކީ ތިމާ ބަރުވެ ނުވަތަ ފަލަވީ އެންމެ ދުވަހަކުން ނޫންކަމެވެ. އެހެންވީމާ ތިމާއަށް ލޫޅާފަތި ހަށިގަނޑެއް ލިބި ބަރުދަން ތިމާ ބޭނުންވާ ވަރަށް އެންމެދުވަހަކުން ލުއިވާނެކަމަށް ވެސް ބަލައިގެން ނުވާނެއެވެ.

6. އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން އެކުލެވޭ ކާނާ ނުކެވުން

ޖިމް ސެޝަންތަކުގައި ތިމާގެ ހަށިގަނޑުގެ މަސްތައް ވިރުވާލާއިރު ހަށިގަނޑު ރަނގަޅު ބައްޓަމަކަށް އުފެދުމަށްޓަކައި ޕްރޮޓީން ބޭނުންވާނެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން އެކުލެވޭ ކާނާ ނުކާނަމަ ހަށިގަނޑު ބުންވަރު ދަށްވެ އަދި ގައިގެ ވަރުދެރަވާ ގޮތްވުން ގާތެވެ.

ޕްރޮޓީން ޝޭކްސްއަކީ ޖިމަށްދާ ގިނަބަޔަކު އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. އަދި ބައެއް ފަރާތްތަކުން މިފަދަ އެއްޗެހި ތަންކޮޅެއް ގިނައިން ބޭނުންކުރެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ މީގައި މަސްނޫއީ ނިއުޓްރިޝަންގެ މާއްދާތަކާ ހަކުރުގެ މާއްދާ ހިމެނުމެވެ.

7. ކެއުން ސްކިޕްކުރުން

އިންސާނެއްގެ ހަށިގަނޑު އެންމެ ފުރިހަމަކޮށް މަސައްކަތް ކުރަނީ ދުވާލެއްގެ މައްޗަށް ތިން ފަހަރެއްގެ މަތިން ބޭނުންވާ ކާނާ ކެއުމުންނެވެ. އަދި ބަރާބަރަށް ޖިމަށް ދާ މީހުންނަށް ޖިމް ސެޝަންތަކަށް ފަހު ރަނގަޅަށް ކެއުން އެއީ ވަރަށް ގިނަ ފިޓްނެސް އެކްސްޕާޓުން އިއްތިފާގުވާ ކަމެކެވެ. ރަނގަޅަށް ކެއުމޭ މިމާނަ ކުރަނީ ވާކްއައުޓް ސެޝަންތަކަށްފަހު ކެއިންބުއިން ބައްޓަންކޮށްފައި ހުންނަންޖެހޭ އިމުގެ ތެރެއިންނެވެ.