18 Jul 2011, 10:10
ޤާހިރާ: (18 ޖުލައި) މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށަށްގޮސް ފުރިހަމަ ކޯމާއަކަށް އޭނާ ގޮސްފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
މުބާރަކްގެ ޤާނޫނީ ވަކީލް ފުއާދުއްދީބް އާ ޙަވަލާދީ މިސްރުގެ ރަސްމީ ޓީވީ ރޭ ޚަބަރުދިން ގޮތުގައި މުބާރަކް މިހާރުވަނީ އެއްކޮށް ހޭފުޅު ނެތިފައެވެ. ހޭފުޅު ނެތުމާ ގުޅިގެން އައި.ސީ.ޔޫ.ގައި އޭނާއަށް ފަރުވާދޭން ފަށާފައިވާ ކަމަށްވެސް މިސްރުގެ ޓީވީ ޚަބަރުދެއެވެ.
މިސްރުގެ ޓީވީން މިޚަބަރު ފެތުރިތާ ދެތިން ގަޑީއިރުފަހުން، މުބާރަކް އެނދުމަތި ކޮށްފައިވާ ޝަރްމުއްޝައިޚްގެ ހޮސްޕިޓަލުން ވަނީ މިކަން ދޮގުކޮށްފައެވެ. އެހޮސްޕިޓަލުންބުނީ މުސްކުޅި ބަލިތައް ކަމަށްވާ ލޭމައްޗަށް ދިޔުމާއި ހިތާއި ނާރުތަކުގެ ބަލިތަކުގެ އިތުރުން ނަފްސާނީ ބަލިތައް ވެސް މުބާރަކަށް ކުރިމަތިވެފައިވާ ކަމަށާ ނަމަވެސް އޭނާގެ ހަށިކޮޅު ކޯމާއަކަށް ގޮސްފައިނުވާ ކަމުގައެވެ.
ރައްޔިތުންގެ އުތުރިއެރުމެއްގައި މިދިޔަ ފެބްރުއަރީ މަހު މަޤާމުން ދުރުކުރެވުނު ޙުސްނީ މުބާރަކަށް ހިތުގެ އާލާސްކަންފުޅެއް ޖެހިފައިވުމުގެ އިތުރުން އޭނާއަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ.
މުބާރަކާ ދެކޮޅަށް ކުރެވިފައިވާ މީހުން މެރުމަށް އަމުރު ކުރެއްވި ކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވެއްޖެ އޭނާގެ މައްޗަށް މަރުގެ ޙުކުމެއް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރެއެވެ. (ރޮއިޓާސް)