ގަތަރާ ސައުދީއާ ދެމެދު އުފެދިފައިވާ މައްސަލައިގައި ސައުދީ އަރަބިއްޔާއިން ގަތަރަށް ހުށަހެޅި ހުށަހެޅުންތައް ގަބޫލު ނުކުރުމުން، ގަތަރަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބިކަމަށް މިގައުމުތަކުން ބުނެފިއެވެ.

ސައުދީގެ ޕްރެސް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ގަތަރަށް ހުށަހެޅި ކަންތައް ގަބޫލުނުކުރުމުން ގަތަރުން ޓެރެރިޒަމަށް ވާގިވެރިވާވަރުކަމާއި އަދި ގަތަރުގެ އެކުވެރި ގައުމުތަށް ހަލާކުކޮށް އެގައުމުތަކުގެ މިނިވަންކަމަށް އަރައިގަންނަވަރު ކިތަންމެ ރަނގަޅަށްވެސް ހާމަވެއްޖެކަމަށެވެ.

ސައުދީ އަރަބިއްޔާ، ބަހްރެއިން، މިސްރު، ޔޫއޭއީ އިން ގަތަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފައި ވަނީ ޓެރެރިޒަމަށް ވާގިވެރިވާ ކަމަށާއި އަދި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ މިދިޔަ ޖޫންމަހުގެ ފަސްވަނަދުވަހުއެވެ. އެގޮތުން އެ ގައުމުތަކުންވަނީ އެއްގަމާއި ވަޔާއި ކަނޑުގެ ހުރިހާ ސަރަހައްދެއް ގަތަރަށް ބަންދުކޮށްފައެވެ. އަދި ގަތަރުގެ ރައްޔިތުންނާއި އެގައުމުގެ ޑިޕްލޮމެޓުންވަނީ އެގައުމުތަކުން ބޭރުކޮށްލައިފައެވެ.

އެކަހަރިވެފައި އޮތުމުން ގަތަރުން ވަނީ އެންމެ ފަހުން ތުރުކީ އަދި އިރާނުގެ އެހީއަށް އެދި އެ ދެގައުމާ ގުޅުން ބަދަހިކުރަންފަށައިފައެވެ.

ސައުދީން ގަތަރަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި އަލްޖަޒީރާގެ ނޫސް ބަންދުކުރުމާއި، އިރާނާ ގުޅުން ކަނޑާލުމަށާއި އަދި ގަތަރުގައި ހުރި މިލިޓަރީބޭސް ބަންދުކުރުން ހިމެނެއެވެ.

ގަތަރުންވަނީ މި ހުށަހެޅުންތަކަކީ ގަތަރުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ މިކަންތައްތަކަށް ފުރަގަސްދީފައެވެ.