ޑީއާއުޕީ އާއި ޕީއޭ އިން ހަދާފައިވާ ކޮއިލިޝަން ރޫޅައިލުމުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ މަސައްކަތް އަނެއްކާ ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ޑީއާރުޕީ އާއި ޕީއޭ އިން ހަދާފައިވާ ކޮއިލިޝަން ރޫޅައިލައިފިކަން، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސަށް އަންގަވާފައިވާ ކަމަށެވެ.

"ޕީއޭ އާއި ޑީއާރުޕީއާ ދެމެދު 2008 ސެޕްޓެމްބަރު އެއް ވަނަ ދުވަހު ސޮއިކޮށްފައިވާ ކޮއިލިޝަން އެގްރީމެންޓް 13 ޖުލައި 2011ގައި އުވާލާފައިވާ ކަމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސަށް ވަނީ އަންގައިފައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ކޮއިލިޝަން ރޫޅައިލުމާ ގުޅިގެން މަޖިލީހުގައި މެންބަރުން ޕާޓީތަކަށް މިހާރު ނިސްބަތްވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 34 މެންބަރުން ޑީއާރުޕީގައި 24 މެންބަރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ އަށް މެންބަރުން ހިމެނޭ ކަމަށެވެ. އަދި ޕީއޭގެ ހަތް މެންބަރުންނާއި ގައުމީ ޕާޓީގެ މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ތިން މެންބަރުން ހިމެނޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިއައި ބަދަލާ އެކު މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކަށް މެންބަރުން އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް އެބަ ގެންދަން ޖެހޭ. އަޅުގަނޑު ޕާޓީތަކުގެ ލީޑަރުންގެ އަރިހުންނާއި މަޖިލީހުގެ މެންބަރުންގެ އަރިހުން އެދެން މި މަސައްކަތް މިއަދުގެ ނިޔަލަށް ނިންމަވައި ދެއްވުމަށް. އެއީ މިދައުރުގެ ދޮޅު މަސް ދުވަސް މިދަނީ އެއްވެސް ކޮމިޓީއެއްގެ މަސައްކަތް ނުކުރެވި،" ޝާޙިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމުގެ މައްސަލައިގައި މަޝްވާރާ ކުރެއްވުމަށް މިއަދު 11:00ގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރަން ގަސްތު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ މަސައްކަތް އަލުން ފަށަން ޖެހިފައި މިވަނީ، އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމަށް މި މަހު ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ ގަވާއިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ބައެއް މެންބަރުން ހުރަސް އަޅުއްވަމުން ގެންދަވާފައި ވަނިކޮށެވެ. އަދި ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައިގައި ވޭތުވެ ދިޔަ ތިން ހަފްތާގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައި ނުވާ އިރު، ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމަށް ބޭއްވި ޖަލްސާގެ މައްސަލައިގައި ތަޅުން ހޫނުވެ ސިފައިން ބޭނުންކޮށްގެން ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެފައިވެ އެވެ.