06 Jul 2017, 23:02
އިނޯވާ ގްލޯބަލް ކަންޒިއުމާސް (އައިޖީސީ) އިން ރާއްޖެއަށް "ޔެޓީ" ބްރޭންޑުގެ ޑްރިންކްސް ތައާރަފްކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި "ޔެޓީ" ރާއްޖެއަށް ތައާރަފްކޮށްދެއްވީ ޔެޓީ ބްރޭންޑުގެ ކޯ ފައުންޑާ ޑރ. ދިޝާން ނަސްރީ އާއި މިޝަލީ ޕެރޭރާ އާއި އައިޖީސީގެ ފަރާތުން ބްރޭންޑު މެނޭޖާ، މަހީލް އަލީ ޖަލީލެވެ.
ޔެޓީ އަކީ ޖަރުމަނު ބްރޭންޑެކެވެ. މިރޭ ރާއްޖެއަށް ތައާރަފް ކުރީ އެ ބްރޭންޑުގެ 500 އެމްއެލްގެ ފުޅި އެވެ. އެ ބްރޭންޑުގެ މެނޭޖަރު މަހީލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޭގެ އަގު އުޅޭނީ 20 ރުފިޔާއާ 30 ރުފިޔާއަށް ކަމަށެވެ.
ޔެޓީ ބްރޭންޑު ތައާރަފް ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ބްރޭންޑުގެ ކޯ ފައުންޑާ ޑރ. ދިޝާން ވިދާޅުވީ އެ ޑްރިންކަކީ އެނާޖީ ޑްރިންކެއް ނޫން ކަމަށާއި އޭގައި މަތީ މިންވަރަކަށް ހަކުރު ހިމަނާފައިނުވާއިރު އެއްވެސް ވަރަކަށް ކެފެއިން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ ކާބޮނޭޓެޑް ޑްރިންކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގައި ބީ ވިޓަމިންތަކާއި ދެ ވައްތަރެއްގެ ހަކުރު ހިމެނޭނެ. އެނާޖީ ޑްރިންކުތަކާއި މި ޑްރިންކް ވަރަށް ތަފާތުވާނެ. މިއީ ރީ ހައިޑްރޭޝަން ޑްރިންކެއް. މީގެން މީހާ ރިފްރެޝްވާނެ،" ދިޝާން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބްރޭންޑުގެ ކޯ ފައުންޑާ މިޝަލީ ވިދާޅުވީ އެ ޑްރިންކު ފޯމިއިލޭޓް ކުރީ ޑރ. ދިޝާން އާއި ޖަރުމަނުގެ ސައިންޓިސްޓެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޑްރިންކު އުފެއްދުމަށް ބޭނުންވާ މާއްދާތައް ވެސް ގެންނަނީ ޖަރުމަނުން ކަމަށާއި އުފައްދަނީ ސްރީ ލަންކާގައި ކަމަށެވެ.