މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

އެ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ހދ. ކުޅުދުއްފުށްޓާއި ބ. އޭދަފުށި ބައްދަލުކުރި މެޗާއި، ގްރޫޕް ދޭއްގައި ގދ. ތިނަދުއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗު ވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު ހަވީރު އަމިއްލަ ރަށުގައި އޭދަފުށްޓާ ދެކޮޅަށް ކުޅުދުއްފުށީ ކުޅުނު މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާއިރު، އެ މެޗުގައި އޭދަފުށިން ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އޭދަފުށްޓަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މިއަދު ހަވީރު ތިނަދުއާއި އޭދަފުށި ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، އެ މެޗުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ތިނަދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ކުޅުދުއްފުށްޓާއި އޭދަފުށީގެ އިތުރުން ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. ގްރޫޕް ދޭއްގައި ތިނަދު އާއި ކުޑަހުވަދޫގެ އިތުރުން ދެން ހިމެނެނީ އައްޑޫ ސިޓީ ފޭދޫ އަދި ތ. ތިމަރަފުށްޓެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ.