06 Jul 2017, 20:33
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ދެ އޮފިޝަލުންނާއި ވައިސް ޗެއާމަން އަބްދުﷲ މޫސާގެ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި، އެ ފަރާތްތަކަށް އަދަބުދީފިއެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައި ވަނީ ނިމިގެންދިޔަ މަހުގެ 22 ވަނަ ދުވަހު މާލޭ ލީގުގެ ދެ ވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅެ، 4-0 ލަނޑުގެ ނަތީޖާއަކުން މާޒިޔާ ބަލިވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެވެ.
ޑިސިޕްލިނަރީ ކޯޑުގެ 57 ވަނަ މާއްދާގެ 4ގެ (ށ)އަށް ރިއާޔަތްކޮށް ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކުޅިބަލާ ސަރަހައްދު (ދަނޑު)އަށް ނުވަދެވޭ ގޮތަށް މާޒިޔާގެ ވައިސް ޗެއާމަން މޫސަ ސަސްޕެންޑް ކޮށްފައިވާއިރު، ޑިސިޕްލިނަރީ ކޯޑުގެ 33 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާއަށް އިތުރު ދެ މަސް ދުވަހުގެ މުއްދަތަކަށް ދަނޑަށް ނުވަދެވޭގޮތަށް ވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންކަމުން އޭނާއަށް ޖުމްލަ ހަ މަސް ދުވަހު ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޝަންގައި ހުންނަން ޖެހޭނެއެވެ.
އޭގެ އިތުރުން ސަސްޕެންޝަން މުއްދަތުގެ ތެރޭގައި މޫސަ އެފްއޭއެމް ޑިސިޕްލިނަރީ އުސޫލުތަކާ ހިލާފު އަމަލެއް ތަކުރާރުކޮށްފިނަމަ އޭނާއަށް މިހާރު ކަނޑައަޅާފައިވާ އަދަބު މުރާޖާކޮށް އަދަބު އިތުރުކުރުމުގެ އިހުތިޔާރު އެ ކޮމިޓީއަށް ލިބޭގޮތަށް ވެސް ނިންމާފައިވެ އެވެ. މޫސައަށް ކުރިން ވެސް އެފްއޭއެމުން ބޮޑު އަދަބެއް ދީފައިވެ އެވެ. އޭރު އޭނާ ތިން އަހަރަށް ސަސްޕެންޑް ކުރަން ނިންމި ނަމަވެސް، ފަހުން އެފްއޭއެމުން ވަނީ އެ އަދަބު މައާފުކޮށްދީފަ އެވެ.
މޫސަގެ އިތުރުން އެ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ދެން އަދަބު ދީފައިވަނީ މާޒިޔާގެ އެސިސްޓަންޓް ދެ ކޯޗުން ކަމަށްވާ އަހްމަދު ސުޒައިރާއި މުހައްމަދު ސުވައިދުއަށެވެ.
ޑިސިޕްލިނަރީ ކޯޑުގެ 38 ވަނަ މާއްދާއަށް ރިއާޔަތްކޮށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަތަރު މެޗަށް ސަސްޕެންޑްކޮށް 8000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ޑިސިޕްލިނަރީ ކޯޑުގެ 33 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ދެ މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންކަމުން އޭނާއަށް ވަނީ ޖުމްލަ ހަ މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހި، ޖޫރިމަނާއެއްގެ ގޮތުގައި 12000 ރުފިޔާ ދައްކަން ޖެހިފަ އެވެ.
ޑިސިޕްލިނަރީ ކޯޑުގެ 47 އަދި 33 ވަނަ މާއްދާގެ ދަށުން މާޒިޔާގެ އެސިސްޓަންޓް ކޯޗު މުހައްމަދު ސުވައިދު ވަނީ ތިން މެޗަށް ސަސްޕެންޑްކޮށް 3000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މާޒިޔާގެ ވައިސް ޗެއާމަނާއި އެސިސްޓަންޓް ކޯޗުންގެ އިތުރުން އެފްއޭއެމުން ވަނީ އެ ކްލަބަށް ވެސް އަދަބުދީފައެވެ. މާޒިޔާއަށް ނިސްބަތްވާ ފަރާތަކުން މެޗުގެ ފޯތު އޮފިޝަލަށް ބިރު ދައްކާ ބާރުގެ ބޭނުން ކުރުމަށް މަސައްކަތްކޮށްފައި ވާތީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 41 ވަނަ މާއްދާގެ ދަށުން މާޒިޔާ ވަނީ 7000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.