06 Jul 2017, 18:32
ހޮނިހިރު ދުވަހުގެ ރޭ ސަން އަކުއާ ވިލުރީފް ރިސޯޓުގައި ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް ސާވިސަސް ޕާޓްރަނަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ 2017 ގައި ބައިވެރިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެ ކުންފުނީގެ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ޑިޖިޓަލް ޚިދުމަތް ދިނުމުގައި އެ ކުންފުނިން ދެމި އޮންނާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މީގެ އިތުރުން އެ އެވޯޑު ހަފްލާގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެވޭތީ ފަހުރުވެރިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުން ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިއާ ކަނޑުގެ އެވޯޑު ހަފްލާ ރާއްޖޭގައި ބާއްވަން ހަމަޖައްސާފައިވާއިރު އެ އެވޯޑަށް ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތައް ވަނީ ނޮމިނޭޓުކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ނަން ހުށަހަޅާފައި ވަނީ އެ އެވޯޑުގެ އެންމެ ފުރިހަމަ ހަނީމޫން މަންޒިލާއި ފީނާ މީހުންގެ މެދުގައި މަގުބޫލު ޑައިވް މަންޒިލް އަދި ކްރޫޒް މަންޒިލް ފަދަ ކެޓަގަރީތަކުންނެވެ.
އިންޑިއަން އޯޝަން ގާލާގައި ރާއްޖޭގައި ގިނަ ރިސޯޓުތަކަށް އެވޯޑު ލިބޭނެ ކަމަށް ބެލެވެ އެވެ. ކޮންމެ އަހަރަކު ވެސް އެ އެވޯޑު ހަފްލާގައި ރާއްޖެއަށް ގިނަ އެވޯޑުތަކެއް ލިބެއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެ އެވޯޑު ހަފްލާ ސަން އަކުއާ ވިލުރީފުގައި ބާއްވަން ހަމަޖައްސާފައިވާއިރު އެ ހަފްލާ ހޯސްޓު ކުރާނީ މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަންގެ ދެ ހޯސްޓުން ކަމުގައިވާ މޫސާ ވަސީމާއި ލަމްހާ ލަތީފެވެ.