އަދާލަތު ޕާޓީއަކީ އަބަދު ކުރިއަށް ފިޔަވަޅު އަޅާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ބައެއް ފަހަރު ފަހަތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝެއިޚު ހުސައިން ރަޝީދު އަހަމަދު ރޭ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ގައުމީ ދެވަނަ ގައުމީ މަޖިލިސް ]ކޮންގްރެސް[ ފެށުމުގެ ގޮތުން ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚު ހުސައިން ރަޝީދު ވިދާޅުވީ ސިޔާސަތަކީ ހިކުމަތްތެރިކަން ކަމަށާއި ހިކުމަތްތެރިން ފަހަތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅާ ކޮންމެ ފިޔަވަޅެއްގައި، އަޅަންވީ ފަހަތަށްތޯ ކުރިއަށްތޯ ވެސް ބަލަން އެބަޖެހޭ. ބައެއް ފަހަރު ފަހަތަށް ވެސް ]ފިޔަވަޅު[ އަޅަން ޖެހޭނެ. ފަހަތަށް ފިޔަވަޅު އެޅުމަކީ ފަހަތަށް ދިއުމެއްނޫން، ކުރިއަށް ދިއުން،" ޝެއިޚު އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުންނެވި އިރު ކަންތައްތައް ކުރެއްވި ގޮތަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

ފަހަތަށް ފިޔަވަޅު އެޅުމުގެ މިސާލެއްގެ ގޮތުން ޝެއިޚު ހުސައިން ވިދާޅުވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާ އަށް ހިޖުރައަށް ވަޑައިގަތުމަށްޓަކައި ނުކުންނެވީ މަދީނާއާ ވީފަރާތް ނޫން އަނެއް ފަރާތަށް ކަމަށެވެ. އެއީ އެކަލޭގެ ފާނުގެ ހިކުމަތްތެރިކަން ކަމަށާއި އެކަންކަމުން އިބުރަތް ހާސިލްކުރަން ޖެހޭނެ ކަމަށް ވެސް ޝެއިޚު ވިދާޅުވި އެވެ.

ޝެއިޚު ހުސައިން ވިދާޅުވީ އަދާލަތު ޕާޓީން ބަޔަކާ އިދިކޮޅަށް މަސައްކަތް ކުރަން ފެށި ނަމަވެސް ތިމާގެ ގައިގާ ނެތް ވަރަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދާލަތު ޕާޓީއަކީ މީހުން މަދު ޕާޓީއެއް ކަމަށާއި އެ ހަގީގަތް ޕާޓީން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީގައި ވިޔަފާރިވެރިޔަކު ނެތް ކަމަށާއި ނުފޫޒު ގަދަ މީހެއް ވެސް ނެތް ކަމަށާއި ލީޑަރެއް ވެސް ނެތް ކަމަށެވެ. އެހެންވީމާ ހިނގަން ޖެހޭނީ "ވެލާ ހިނގާ ހެން [މަޑުން]،" ކަމަށެވެ.
"ދަންނަވަންތޯ އަދާލަތު ޕާޓީގެ ހަގީގަތް އަޅުގަނޑުމެން އޮޅުވާލައިގެން ނުވާނެ. އަދާލަތު ޕާޓީއަކީ މީހުން މަދު ޕާޓީއެއް. އަޅުގަނޑު އަޅާ ނުކިޔާނަން އަޅުގަނޑުމެންނަށް ވުރެ ތިރީގައި ނިދާފައި ތިބި ޕާޓީތަކަކާ، އަޅުގަނޑު އަޅާ މިކިޔަނީ އަޅުގަނޑުމެންގެ މަތީގައި ތިބި ޕާޓީތަކާ،" ޝެއިޚު ހުސައިން ވިދާޅުވި އެވެ.

ޝެއިޚު ވިދާޅުވީ ދުނިޔޭގެ އެއްވެސް ޕާޓީއެއް ވިޔަފާރިވެރިންނާ ނުލާ ވަރުގަދަ ވެފައި ނުވާކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ޕާޓީއަކަށް ބެލި ނަމަވެސް ލީޑަރުކަން ކުރާތަން ފެންނަނީ ނުފޫޒު ވަރުގަދަ ވިޔަފާރިވެރިން ކަމަށާއި އެފަދަ ނުފޫޒު ގަދަ މީހެއް އަދާލަތު ޕާޓީގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޕާޓީތަކެއްގެ ގޮތުގައި ބަލައިފި ނަމަ އެމްޑީޕީއަކީ ވެސް އަދި ޑީއާރުޕީއަކީ ވެސް އަދާލަތު ޕާޓީގެ ދުޝްމަނުން ކަމަށެވެ. އަދި ވިދާޅުވީ މުސްލިމުންނަށް ވީތީ ހަމައެކަނި ކުރަން ޖެހޭ ކަމަކީ ނަމާދުކުރުން ނޫން ކަމަށާއި ދުނިޔަވީ މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ހައެއްކަ ތަގުރީރުކޮށްލާފައި މީސްތަކުންގެ ހިތްތައް އަތުލުމަކުން ވެސް ނުފުދޭނެ ކަމަށާއި ވެރިކަން ވެސް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފައިވާ ރައީސް އައް ޝައިޚު އިމްރާން އަބުދުﷲ އާއި ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މައުރޫފް ހުސައިން އާއި އެ ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ވެވަޑައިގެންފައިވާ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ހުވާކުރެއްވުން އޮތެވެ.